ރޯޑް ޑިވެލޮޕްމެންޓް (އާރްޑީސީ) އާއި ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީގައި ނުރަނގަޅު މައުލޫމާތުތަކެއް ފަތުރާފައިވާތީ، އެކަމުގެ ހަގީގަތް ހާމަކުރުމަށް އެ ކޮމިޓީ އަށް ހާޒިރުވެ މައުލޫމާތު ދެވޭނެ މަގު ފަހިކޮށްދިނުމަށް، އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް (މޫކޭ) އާއި އާރްޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންގެ ފަރާތުން އެދިއްޖެއެވެ.
އެ ސިޓީ މޫކޭ ވަނީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މިހާރު ސިޓީ އެއް ފޮނުއްވާފައިވާނެ ކަމަށެވެ. އަދިރައްޔިތުންގެ މަޖިލީހުން ވީ އެންމެ އަވަހަކަށް އަޅުގަނޑުމެންނަށް މި ފުރުސަތު ފަހިކޮށްދެއްވުން އެދިވަޑާއިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ހަދަން ޖެހޭ މަގުތައް ހެދުމަށް ވެސް ގޮވާލައްވާފައެވެ. ހުސް އަނގަ ތެޅުމުގެ ބަދަލުގައި ވައްކަމެއް ކޮށްފަ އޮތިއްޔާ ތަޙްޤީޤުކޮށް ކުރަން ޖެހޭ ކަމެއް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިސަރުކާރު ހަވާލުވިއިރު، ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ދަރަނި 837 މިލިއަނަށް އަރާފައިވާ ކަމަށާއި، މިހާތަނަށް 152 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވަނީ ވިދާޅުވެފައެވެ. ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އެސްއޯއީ ކޮމެޓީގައި ޒުހައިރު ވިދާޅުވީ ކުންފުނީގެ ދަރަނި ވަރަށް ބޮޑު ކަމަށާއި، މީހުންނަށް ދައްކަންޖެހޭ 837 މިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް 152 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، މިހާރު ދަރަނި 685 މިލިއަން ރުފިޔާއަށް ދަށް ކުރެވިފައިވާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
އެ ވާހަކަތަކާއި ގުޅިގެން މޫސާ އަލީ މަނިކާއި ޔާސިރު ހަސަން އެސްއޯއީ ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އާރްޑީސީ އާއި މެދު ދެއްކި ވާހަކަތައް ދައްކާފައި ވަނީ އެއްވެސް އޮޑިޓެއް އަދި އެސެސްމެންޓެއް ހެދުމަކާއި ނުލާ ކަމަށެވެ. އަދި އެ ކުންފުނީގެ ކުރީގެ މުއާމަލާތުތައް މިހާރު ފެންނަން ނެތް ކަމަށް ބުނެ ދައްކަވާފައިވާ ވާހަކަތަކަކީ ކަންކަން ބައްލަވާ ހާލަތު ދެނެގަތުމަށް ފަހު ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އާރްޑީސީ ހިންގަން ތިބި ބައެއްގެ ހައިސިއްތުން އެސްއޯއީ ކޮމިޓީ އަށް ހާޒިރުވެ ޖަވާބުދާރީވާން ބޭނުންވާ ކަމަށް އެ ސިޓީގައިވެއެވެ. އަދި އެ ކުންފުނީގެ ކަންކަން އެނގި ހުރި އެންމެ ރަނގަޅަކަށް ޖަވާބުދީ ކަންކަމުގެ ރަނގަޅު މައުލޫމާތާއި ކަން ހިނގާފައިވާ ގޮތް ކޮމިޓީ އަށް ކިޔާދޭން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ކުރިން އާރްޑީސީން ބައިވެރިވެގެން ދިޔަ ބައްދަލުވުން ބޭއްވީ ލައިވްކުރެވޭ ގޮތަށް ކަމަށް ވާތީ މޫސާ އަލީ މަނިކާއި ޔާސިރު ހަސަން ހާޒިރު ކުރާ ބައްދަލުވުން ވެސް ޓީވީން ދެއްކުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.