ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 15:24
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ ހުކުމް
އިންތިިިހާބީ މަގާމު ކަށަވަރުވާ މާއްދާ ބާތިލްނުކޮށްފިނަމަ ހުކުމުގައި ބުނާ ހާލަތެއްގެ ބޭނުން ކެނޑޭ: ދައުލަތް
ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކުރުމަށް
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނަނީ ތިން ހާލަތެއް
ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހަާލަތުގެ ބޭނުން ކެނޑޭ

ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ މާއްދާ ބާތިލް ނުކޮށްފިނަމަ، މެންބަރުންގެ ގޮނޑި ގެއްލޭނެ ތިން ހާލަތު ބަޔާންކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ ހާލަތެއްގެ ބޭނުން ކެނޑިގެންދާނެ ކަމަށް ދައުލަތުން ބުނެފި އެވެ. 

ދައުލަތުން ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލް ކުރުމަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މެންބަރުންގެ ގޮނޑީގެ މައްސަލަތަކުގެ ތެރެއިން، އާދިއްތަ ދުވަހު ބޭއްވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އޮފީހުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީގެ މާއްދާތަކެއް މާނަ ކޮށްދިނުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުއްވާފައިވާ ހުކުމެއް ކަމަށެވެ. 

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި  ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ  މަގާމުގައި ދެމި ހުންނާނެ ކަމަށް ގާނޫނުގައި ބުނާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އިންތިޚާބުވެފައި ހުރި މަގާމު ގެއްލޭނެ ކަމަށެވެ. 

ދައުލަތުގެ ވަކީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ތައާރުޒުވާ ކަމަށާއި، އެ މާއްދާ ބާތިލް ނުކޮށްފިނަމަ ހުކުމުގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއްގެ ބޭނުން ކެނޑިގެންދާނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވި އެ ހާލަތަކީ ސިޔާސީ ޕާޓީން ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމުގައި ބުނާ ހާލަތް ކަމަށެވެ.

ގާނޫނެއްގެ މާއްދާއެއް އެ ހުކުމާ ތައާރޒުވާނަމަ ބާތިލްކުރަން ވާނެ ކަމަށް ގަބޫލުކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެ މާއްދާ ދެމިއޮންނަ ނަމަ ސުޕްރީމް ކޯޓުގެ ހުކުމުގެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި މެންބަރުން ޕާޓީ ބަދަލު ކުރުމަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެއިން ޕާޓީ ބަދަލުކުރާ މެންބަރުންނާއި، ވަކިކުރާ މެންބަރުންނާއި ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން، ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކޮށްފައެއް ނުވެއެވެ.

ހުކުމުގެ ފަހުން ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނާއި، ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތަށް ތަބާވުން އިސްތިސްނާ ކުރެވިގެން ނުވާކަން ހުކުމުގައި ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން  ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބު ވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ ދެމި އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް