ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 14:33
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
މުހައްމަދު ޝަރުހާން
މެންބަރުންގެ ގޮނޑި ގެއްލުން
ރަދުން ވިދާޅުވީމާ ވިދާޅުވާހާ ގޮތެއް ހަދާ ޒަމާން އިޔާދަ ކުރަނީ: ސައުދު
ތިން ބާރު ވަކިވެފައިވާ ނިޒާމު ގެއްލެނީ
ބަންޑާރަނައިބު ދެކޭ ގޮތް ގާނޫނުގެ ތެރެއަށް ފައްތަނީ
އޭޕްރީލް 13 ގައި ދިން ސިޓީ އަދިވެސް ބާތިލް ނުކުރޭ

 ރަދުން ވިދާޅުވީމާ ވިދާޅުވާހާ ގޮތަކަށް ކަންތައްތައް ކުރަމުން ދިޔަ ޒަމާން ރާއްޖޭގައި އިޔާދަ ކުރަމުންދާ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތުގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި މަޖިލިސް މެންބަރުންގެ ބާރުތައް ހަނިކުރަމުންދާއިރު، މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް މިހާރު ލިބިފައި އޮތް ހަމައެކަނި ބާރަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ކަމަށެވެ.

ނަމަވެސް، އެ މާއްދާ ވެސް ބާތިލްކުރުމަށް ދައުލަތުން ހުށަހަޅާފައިވާކަން ފާހަގަކޮށް ސައުދު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ސިފަތައް ގެއްލެމުންދާ ކަމަށާއި، މިހާރު ބާއްވަން ބޭނުންވެގެން އުޅެނީ އެންމެ ބާރެއް ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ދައުލަތުން ފެނިގެން ދަނީ "ރަދުން" ވިދާޅުވީމާ، ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރި ޒަމާން އިޔާދަ ކުރުމަށް ކުރެވެމުންދާ މަސައްކަތް  ކަމަށެވެ.

ސައުދު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުގައި ސާފުކޮށް ކަންކަން ބަޔާންކޮށްފައި ވަނިކޮށް، ބަންޑާރަނައިބު ދެކިލައްވާ ގޮތާއި، ގަބޫލު ކުރައްވާ ގޮތް އޭގެ ތެރެއަށް ފެއްތުމަށް ކުރަމުންދަނީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕީޕީއެމުން އޭނާ ވަކިކޮށް ސިޓީ ދީފައިވާކަން ފާހަގަކޮށް، ސައުދު ވަނީ ދައުލަތާ ސުވާލު ކުރައްވާފަ އެވެ. ސައުދު އެދިވަޑައިގަތީ "ގެޔަކުން އޭނާ ނެރެލާފައި ވަނިކޮށް އަނބުރާ ގެޔަށް ނުވަންނަނީސް އެ ގެއިން އޭނާ ބޭރުކުރެވޭނެ" ބުއްދީގެ ހަމައެއް ނަމަވެސް އޮޅުން ފިލުވައި ދިނުމަށެވެ. ސައުދު ވިދާޅުވީ ދެވަނަ ފަހަރަށް ޖުލައި މަހުގެ 18 ވަނަ ދުވަހު ޕީޕީއެމުން އޭނާ ވަކިކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ  ބާތިލް ކަމެއް ކަމަށެވެ.

ދައުލަތަށް ގޮންޖައްސަވައި ސައުދު ވިދާޅުވީ މިހާތަނަށް ވެސް އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕީޕީއެމުން އޭނާ ވަކިކުރި ކުރުމާއި، ދިން ސިޓީ ބާތިލް ކޮށްފައިނުވާ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނަކީ ހަމަހަމަކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭ މުއައްސަސާއެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ޕާޓީން ވަކިވާން އެދުމުން ވެސް ދަފްތަރުން އުނިނުކޮށް އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ބެހެއްޓި ގޮތުން ހާމަވެގެންދަނީ ވަކި ބައެއްގެ މަސްލަހަތު ކުރިއަރުވައި، ވަކި ބައެއް ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާކަން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ވާހަކަ ދައްކަވަމުން ސައުދު ވަނީ ޕާޓީން ވަކިވާން އެދުމުން ވެސް އެކަން ނުކޮށްދިނީ ވަރަށް ބޮޑަށް ރާވައިގެން ވަކި މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ. 

ފުލުހުންގެ ބަންދުގައި ހުންނެވި ސައުދު ވަނީ ބަންދަކަށް ފަހު ބަންދެއް ޖަހަމުންދާކަން ފާހަގަކުރައްވައި، އިންސާފު ގާއިމްކޮށް، އޭނާއާއި ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިއުން ހުއްޓުވައިދިނުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް