ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 10:22
ލަނޑުޖެހުމަށްފަގު ފްރާންސް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އޭޕީ
ލަނޑުޖެހުމަށްފަގު ފްރާންސް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އޭޕީ
އޮލިމްޕިކްސް 2024
އާޖެންޓީނާ ބަލިކޮށް، ފްރާންސް އޮލިމްޕިކްސް ސެމީއަށް
ކްއާޓާ ފައިނަލް މެޗު ފްރާންސް ކާމިޔާބުކުރީ 1-0 ންނެވެ.

އާޖެންޓީނާ ބަލިކޮށް، އޮލިމްޕިކްސް ފުޓްބޯޅައިގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލުން ފްރާންސް ޖާގަ ހޯދައިފި އެވެ.

އޮލިމްޕިކްސް ބާއްވާ ގައުމު ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރީ ކްއާޓާ ފައިނަލްގައި 1-0ން އާޖެންޓީނާ ބަލިކޮށްގެންނެވެ. ހަމައެކަނި ލަނޑު ކޯނަރަކުން ހުރަސްވި ބޯޅަ ބޮލުން ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ކްރިސްޓަލް ޕެލަސްގެ ފޯވާޑް ޖީން ފިލިއްޕެ މަޓޭޓާ އެވެ. އާޖެންޓީނާއަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގިއުލިއާނީ ސިމެއޯން ބޮލުން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހުބައިގަ ފްރާންސުން ދެވަނަ ލަނޑެއްވެސް ޖެހިއެވެ. އެކަމަކު އޭގެކުރިން ފައުލް ކޮށްފައިވާތީ ވީއޭއާރުން ބެލުމަށްފަހު ބަލައި ނުގަތެވެ.

މެޗުގައި އެންމެ މައްސަލަ ބޮޑުވީ ފެށުމުގެ ކުރިން އާޖެންޓީނާގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު ފްރާންސް ސަޕޯޓަރުން އަޑުގަދަކޮށް, ބޫން ލެއްވުމުންނެވެ. މިއީ ކޮޕަ އެމެރިކާ ތަށި ހޯދުމަށްފަހު އާޖެންޓީނާ ކުޅުންތެރިން ފްރާންސްގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް ނިސްބަތްކޮށް ލަވަ ކިޔާ ދިމާކޮށްފައިވާތީ އޭގެ ބަދަލުގައި ކުރިކަމެއްކަމަށް ވެއެވެ. މެޗު ނިމުމުން ދެޓީމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއްވެސް ހިނގިއެވެ.

ސެމީފައިނަލްގައި ފްރާންސް ވާދަކުރާނީ މިސްރާއެވެ. ފްރާންސް އަތުން ބަލިވުމުން ވަރލްޑްކަޕަށްފަހު ޖެހިގެން އަންނަ އޮލިމްޕިކްސް މުބާރާތް ކާމިޔާބުކުރަން އާޖެންޓީނާއިން ދެކުނު ހުވަފެން ނާކާމިޔާބުވީ އެވެ. އެކަން އެންމެ ފަހުން ކޮށްފައިވަނީ 1936 ވަނަ އަހަރު އިޓަލީ އެވެ. އޮލިމްޕިކްސް ކްއާޓާ ފައިނަލްގައި ބަލިވިޔަސް އާޖެންޓީނާއިން 2022 ވަނަ އަހަރު ވަރލްޑް ކަޕް ހޯދީ ފައިނަލްގައި ފްރާންސް ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް