ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 10:27
ރަން މެޑައްޔާއެކު ސްޕެއިންގެ ކުޅުންތެރިން
ރަން މެޑައްޔާއެކު ސްޕެއިންގެ ކުޅުންތެރިން
ފީފާ
ޕެރިސް އޮލިމްޕިކްސް 2024
ފްރާންސް ބަލިކޮށް ސްޕޭނުން ރަން މެޑަލް ހޯދައިފި
މިއީ 1992 ވަނަ އަހަރުގެ ފަހުން ސްޕެެއިން އިން އޮލިމްޕިކްސްގެ ރަން މެޑަލް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުޓުބޯޅަ ފައިނަލްގައި ފްރާންސް ބަލިކޮށް، ސްޕެއިން އިން ރަން މެޑަލް ހޯދައިފި އެވެ.

ރަން މެޑަލް ހޯދަން ކުޅުނު ފައިނަލް މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 5-3 އިންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ދެން ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ފްރާންސް އަށް ލީޑު ނަގައިދިނީ އެންޒޯ މިލޮޓް އެވެ. ނަމަވެސް ސްޕެއިން އިން ވަނީ ގާތް ގާތުގައި ތިން ލަނޑު ޖަހައިގެން، މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، 25 ވަނަ މިނެޓުގައި އޭނާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ހޯދައިދީފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސްޕެއިން އަށް ލީޑު ފުޅާ ކޮށްދިނީ އަލެކްސް ބައޭނާ އެވެ.

ނަމަވެސް ފްރާންސް އިން ވަނީ ފަހު ހާފުގައި ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖެހީ މެގްނަސް އަގްލިއޫޝޭ އެވެ. އަދި މެޗުގެ ނަތީޖާ ފްރާންސް އަށް ހަމަވީ ފުރިހަމަ ވަގުުތުގެ ކުޅުން ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ލިބުނު ޕެނަލްޓީން ލަނޑު ޖަހައިގެންނެވެ. އެ ލަނޑު ޖަހައިދިނީ ޖިއަން ފިލީޕް މަޓޭޓާ އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ސްޕެއިން އިން ވަނީ ލަނޑު ޖަހައިފަ އެވެ. ދެ ހާފުގައި ވެސް ސްޕެއިންގެ ލަނޑުތައް ޖެހީ ސާޖިއޯ ކަމޭއޯ އެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ.

މިއީ 1992 ވަނަ އަހަރުގެ ފަހުން ސްޕެެއިން އިން އޮލިމްޕިކްސްގެ ރަން މެޑަލް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2020 ވަނަ އަހަރު އޮތް އޮލިމްޕިކްސްގެ ފައިނަލްގައި ސްޕެއިން ވަނީ ބަލިވެފަ އެވެ. އެ ފަހަރު ސްޕެއިން އަށް ލިބުނީ ރިހި މެޑަލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް