އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.
މިރޭ ބާއްވާ ޖަލްސާ އޮންނާނީ މ.ކުނޫޒުގަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ބާއްވާ މި ޖަލްސާގައި އެ ކޯލިޝަނުގެ އިސްވެރިން ބައިވެރިވާނެ އެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތައް އިތުވެފައިވާއިރު އެ ކޯލިޝަނުގައި އިސްކޮން ތިއްބެވި ގިނަ ބައެއް ބޭފުޅުންގެ މައްޗަށް ވަނީ ޖިނާއީ ބޮޑެތި ހުކުމްތައް ކޮށްފަ އެވެ. އަދި ދެން ތިބި ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލާފައިވާއިރު އަނެއް ބައެއްގެ މައްޗަށް ޖިނާއީ ތަހްގީގުތައްވެސް ދަނީ ހިންގަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ 12 އަހަރު ޖަލު ހުކުމެއްގަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް މިހާރު ކުރިއަށް އެބަ ދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝްގެ މައްޗަށް ހިންގާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ވެސް ކުރިއަށްއެބަ ދެ އެވެ. އޭގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވެސް ހުންނެވީ ޖަލުގަ އެވެ.