Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 19:47
އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުން
އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުން
ރާއްޖެއެމްވީ
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމުގައި ހުންނަންވާނީ މެޑިކަލް ޑޮކްޓަރެއް - ހެލްތް މިނިސްޓްރީ
ޤަވައިދުތައް 5 މަސް ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ
ސިއްހީ ޚިދުމަތް ދިނުމާއި ގުޅޭ ޤާނޫނަށް ބަދަލުގެނައުމުން ކަންކަން އިތުރަށް ތަފްސީލްވާނީ އެ ޤާނޫނުގެ ދަށުން ހަދާ ޤަވައިދުގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ
ޚަބަރުގެ އޯޑިއޯ

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމުގައި ހުންނަންވާނީ މެޑިކަލް ޑޮކްޓަރެއް ކަމަށް ޤަބޫލުކުރާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ޒާހިރު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ ވަނީ ސިއްހީ ޚިދުމަތް ދިނުމާއި ގުޅޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަރުމާކުރުމުގައި ވެސް މިނިސްޓްރީން ވިސްނާފައި ވަނީ އެ މަޤާމަށް މެޑިކަލް ޑޮކްޓަރަކު ގެނައުމަށް ކަމަށެވެ. އެއީ ސަރަހައްދީ ޤައުމުތަކަށް ބަލާއިރުވެސް އެކަން އޮތްގޮތް ކަމަށާއި އެއީ ރާއްޖޭގެ ސިއްހީ ވުޒާރާއިން ވެސް ޒަމާނުއްސުރެ ޢަމަލުކުރަމުން އައި ގޮތް ކަމަށް ކޮމިޓީގައި އޭނާ ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމް ސިޔާސީ މަޤާމަކަށް ހެދުމާއި މެދު މިނިސްޓްރީގެ ވަކި ބަހެއް ނެތް ކަމަށާއި މަޖިލީހަށް ފެންނަ ގޮތަކަށް އަމަލުކުރުން ރަނގަޅުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސްގެ މުސާރަ ޕީއެސް އަށް ވުރެ ދެ ގުނަ އިތުރުކަމަށާއި އޭނާ ރިޕޯޓް ވެސް ކުރަނީ މިނިސްޓަރ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް އާއި އިތުރު ޒިންމާތައް ހަވާލުކުރުމަށް ޕީއެސްގެ މަޤާމުގައި ހުންނަ މީހަކަށް ފުރުސަތު އޮންނާނެތޯ ސުވާލު އުފެދޭ ކަމަށާއި އެއީ ފުށު އަރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މިހާތަނަށް ވަރަށް ގިނަ ބޭފުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމުގައި ތިބި އިރު އެއީ މުޅިން ވެސް މެޑިކަލް ޑޮކްޓަރުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނު ފަރުމާކުރި އިރު ޕޭކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑާއި އެއްގޮތަށް އެ މަޤާމަށް މީހަކު ހޯދުމުގައި ދަތިކަމެއް ދިމާނުވާކަމަށެވެ. އެ ޤާނޫނުގެ އޮނިގަނޑު އޮތް ގޮތުން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކުވެސް އެ މަޤާމަށް ލެވޭ ކަމަށާއި އޭގެ ފަހުން މެޑިސިން ދާއިރާގައި މަސައްކަތް ކުރާ ބޭފުޅަކަށް އެ މަޤާމަށް އާދެވޭ ގޮތަށް އިސްލާހުގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޤާމަށް އައްޔަން ކުރާ މީހެއްގެ މުސާރައަކީ ސިއްހީ ދާއިރާގައި ސީދާ ގޮތެއްގައި އޭނާ މަސައްކަތް ކުރިއަސް ލިބޭ މުސާރަ އާއި އެއްވަރުގެ މުސާރައެއް ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތް ދިނުމާއި ގުޅޭ ޤާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅިގެން ހަދަން ޖެހޭ ޤަވާއިދުތައް 5 މަސް ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ސިއްހީ ޚިދުމަތް ދިނުމާއި ގުޅޭ ޤާނޫނަށް ބަދަލުގެނައުމުން ކަންކަން އިތުރަށް ތަފްސީލްވާނީ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިއްހީ ވުޒާރާގެ އެހެން ބޭފުޅުން ވެސް ވަނީ ސިއްހީ ޚިދުމަތްދިނުމާއި ގުޅޭ ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެ ބޭފުޅުންނަށް ގެންނަން ފެންނަ ބަދަލުތަކާއި، ކަންކަން ތަރުތީބުވާން ޖެހޭ ގޮތަށް އެ ބޭފުޅުން ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރުހުން ނެތި ސިއްހީ ޚިދުމަތް ދިނުމުގެ އުސޫލާއި ގުޅޭގޮތުން އެ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް