ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 10:28
އއ.އަތޮޅު ހޭންޑްބޯޅަ ޗެމްޕިއަން ރަސްދޫ ޓީމް
އއ.އަތޮޅު ހޭންޑްބޯޅަ ޗެމްޕިއަން ރަސްދޫ ޓީމް
އަރިއުތުރު ކުޅިވަރު ފެސްޓިވަލް
އއ.އަތޮޅުގެ ހޭންޑްބޯޅަ ތަށި ރަސްދޫން މިލްކުކޮށްފި
ފައިނަލްގައި ރަސްދޫ ކުރިހޯދީ ބޮޑުފޮޅުދޫގެ މައްޗަށެވެ.

އއ.އަތޮޅުގެ ހޭންޑްބޯޅަ ތަށި ރަސްދޫން މިލްކުކޮށްފި އެވެ.

އަރިއުތުރު ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ އަންހެން ޑިވިޝަންގެ ހޭންޑްބޯޅަ މުބާރާތުގެ ތަށި ރަސްދޫން މިލްކު ކުރީ ވަރަށް ވާދަވެރި ފައިނަލެއްގައި, ބޮޑުފޮޅުދޫގައި ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗު ރަސްދޫން ކާމިޔާބުކުރީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. މެޗު ރަސްދޫން ކާމިޔާބުކުރީ 23-22 ނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނުއިރުވެސް އަދި ދެވަނަ ހާގްގެ ފުރަތަމަ 15 މިނިޓް ނިމުނުއިރުވެސް ކުރީގައި އޮތީ ބޮޑުފޮޅުދޫ އެވެ. ނަމަވެސް މެޗުގެ ފަހު ވިއްސަކަށް މިނިޓްގެ ތެރޭގައި ލީޑް ހޯދާ, އެލީޑް ދަމަހައްޓައިގެން ރަސްދޫން ތަށި މިލްކް ކުރިއެވެ. ރަސްދޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ބޮޑުފޮޅުދޫ ޓީމްގެ ބަނގްލަދޭޝް ކުޅުންތެރިޔާ ރުބީނާ ބޭގަމް, ރަސްދޫ ޓީމްގެ ފާތިމަތު ޖުނާ, ރިޒްނާ މުހައްމަދު, އާއިޝަތު އިބާ އަހުމަދު, އާއިޝަތު ޢަލާ އަލީ, މަތިވެރި ޓީމްގެ ފާތިމަތު އަރޫޝާ އަދި އުކުޅަހު ޓީމްގެ އާމިނަތު ޖީހާން ޖާވީދު އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ ބޮޑުފޮޅުދޫ ޓީމްގެ ރުބީނާ ބޭގަމް އެވެ. ފެއަރޕްލޭ ކުޅުންތެރިއަކީ އުކުޅަހު ޓީމްގެ ޚަދީޖާ އަހުމަދެވެ. ފެއަރޕްލޭ ޓީމަކީ މަތިވެރި ޓީމެވެ. 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އުކުޅަހު ޓީމްގެ ޢާއިޝަތު ޙުޝާމާ ޙުސައިން އެވެ.

ހޭންޑްބޯޅަ މުބާރާތުގައި 4 ރަށަކުން ވާދަކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް