ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 08:13
ހަސަން ލަތީފް: ރައީސް ޔާމީނަކަށް ތާއީދެއް ނެތް
ހަސަން ލަތީފް: ރައީސް ޔާމީނަކަށް ތާއީދެއް ނެތް
މުހައްމަދު ފަޒީން
ފަލަ ސުރުޚީ
ތާއީދު އޮތްވަރު ދައްކަން ކުރިކަމަކުން އެފެނުނީ އިތުރަށް ބޯގޮވާނެ މަންޒަރެއް:ހަސަން ލަތީފް
އައްޑޫ ސިޓީންވެސް 250 މީހުން ނެރެވުނީމަކާ ނުފެނޭ ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުނު މަންޒަރެއް
ތާއީދު ދެއްކޭނީ އެއީ އޮތްއެއްޗެއް ނަމަ. އެޔެއް ނެތް.
ރައީސް ޔާމީން އެކުރައްވާ ކަންކަމަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން

ރައްޔިތުންގެ ތާއީދު އޮތްކަން ދައްކަން ކުރިކަމަކުން ފެނުނީ ރައީސް ޔާމީން އިތުރަށް ބޯގޮވާނެ ފަދަ މަންޒަރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ދެއްކުމަށް ޕީޕީއެމުން ރާއްވައިގެން ރާއްޖޭގެ 25 ރަށެއްގައި ހިންގި ހަރަކާތްތަކުގައި ސރުކާރުގެ ކުންފުނިތަކާއި އެހެނިހެން ގޮތްގޮތުން ވެސް ސަރުކާރަށް ނުފޫޒެއް ފޯރުވެން ހުރި ގޮތަކުން ފޯރުވައިގެން ވެސް ފެނުނީ މާގިނަ ބަޔަކު ނޫން ކަމަށެވެ.

"ސަރުކާރު ނިސްބަތްވާ ކުންފުނިތަކާއި އެކުންފުނިތަކުގެ މުވައްޒަފުންނާ އަދި އޭގެ އިތުރުން ވެސް އެކިއެކި ގޮތްގޮތުން ސަރުކާރަށް މިވަގުތު ނުފޫޒެއް ފޯރުވެން ހުރި މީހެއް ވިއްޔާ އެނުފޫޒެއް ފޯރުވައިގެން އެއީ ބިދޭސީ ޓީޗަރުން ކަމަށް ވިއަސް. އަޅުގަނޑުމެންނަށް ފޮޓޯތަކުން އެބަފެނޭ ބައެއް ރަށްރަށުގަ ޓީޗަރުންނާ ޑޮކްޓަރުންނާ އެހުރިހާ އެންމެންވެސް ނެރެގެން އެންމެ ގިނަކޮށް ފޮޓޯއަކުން.  އެއޮށްބޮޑު އައްޑޫ ސިޓީންވެސް 250 މީހުން ނެރެވުނީމަކާ ނުފެނޭ ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުނު މަންޒަރެއް.ރައީސް ޔާމިންގެ ތާއީދު ދައްކަން އުޅުމުގެ ތެރޭގައި އަނެއްކާވެސް ބޯ އެއޮތީ ގޮވާފަ. އިތުރަށް ރައީސް ޔާމީންގެ ބޯ ގޮވާކަހަލަ ކަމެއް އަމިއްލަ ފުޅަށް އެކުރެއްވުނީ" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސްނަ ލަތީފް ވިދާޅުވީ ރައީސް ޔާމީން އެކުރައްވާ ކަންކަމަކީ ރައްޔިތުން ބަލައިގަންނަ ކަންކަން ނޫން ކަމަށާއި އެހެން ނަމަވެސް ފެންނަމުން މިދާ މަންޒަރަކީ ސަރުކާރުގެ އޮފީސް ތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެމީހުންގެ ވަޒީފާ ގެއްލިދާނެތީ ބިރުން ނިކުންނަވާތަން ކަމަށެވެ. ނަމަވެސް އެމީހުން ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށާއި އެހުރިހާ ބިރާ އެކުވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުން އެކަން ދައްކާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން އެކުރައްވާ ކަންކަމަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން. ތާއީދު ދެއްކޭނީ އެއީ އޮތް އެއްޗެއް ނަމަ. އެޔެއް ނެތް. އެހެންވީމަ މިފެންނަނީ ސަރުކާރުގެ އޮފީހެއްގަ ނޫނީ ކުންފުންޏެއްގަ އުޅޭ މުވައްޒަފަކު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތީމަ އޭނާ ރައީސް ޔާމީން ފޮނުވާ ޓެކްސްޓް މެސެޖަކަށް އިޖާބަ ދިނުމުގެ ގޮތުން އެތަނަށް ނިކުމެ ހުރެލަނީ." ހަސަން ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމުން ހޮނިހިރު ދުވަހު ރާއްޖޭގެ 25 ރަށެއްގައި ހިންގި ހަރަކާތުގައި ނުކުތް މީހުން މަދުކަމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެހަރަކާތައް ނުކުތުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖްބޫރު ކުރިކަން ވެސް ވަނީ ހާމަވެފައެވެ.

މީގެ އިތުރުން އެހަރަކާތައް ނިކުތް މީހުންގެ ގިނަކަން ދެއްކުމަށް ފައިސާ ދީގެން ވެސް ސައިކަލް ތަކާއި ކާރު ފަދަ ވެހިކަލްތައް ނެރެފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް