ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 07:55
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ސުލޫކީ ކޮމެޓީއަކުން މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަކަށް ސުޕްރީމް ކޯޓަކުން ނިންމަވާނެ ކަމަކަށް ނުދެކެން:ހަސަން ލަތީފް
އެންމެ މީހަކަށް ގޮނޑި ގެއްލުވާލެވޭ ގޮތަކަށް ސުޕްރީމް ކޯޓަކުން ނުހަދާނެ
މީގެ ކުރިންވެސް ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސުޕްރީމް ކޯޓުން ނިންމީމަ
ޕާޓީތަކުގެ ސުލޫކީ ކޮމެޓީއަކީ ބައެއް ޕާޓީތަކުން އައްޔަން ކުރާ ކޮމެޓީތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުން އެހެން ގޮތަކަށް މާނަ ކުރައްވަފާނެ ކަމަށް ނުބެލެވޭ  ކަމަށާއި ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކަށް މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަށް އެކޯޓުން ނިންމަވާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި މަޝްހޫރު ޤާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ މަޖިލިސް މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ  ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށާއި ޤާނޫނު އަސާސީގައި ވެސް ވަރަށް ރަނގަޅަށް އެކަން ބުނެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެފަދަ ކަމެއް ހިނގުމުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއެއްގައި ތިއްބަވާ އެންމެ ތިން މެންބަރަކަށް ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ޤަބޫލު ކުރައްވާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން އެނެރުއްވާފައި އޮތް އަމުރު ވަރަށް ސާފު. ޤާނޫނު އަސާސީއާ ޤާނޫނު ތަކުގައި ހުރި މާއްދާތައް ވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. ސުޕްރީމް ކޯޓުން މާނަ ކުރައްވައިގެން ވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއެއްގައި ތިއްބަވާ ތިން ބޭފުޅަކު. އެތިންބޭފުޅަކު ބޭނުންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވިދާނެ ގޮތަކަށް. އެހެންވީމާ ސުޕްރީމް ކޯޓުން އެނިންމަވާފައިވާ ނިންމެވުން އެބޭފުޅުން މާނަކުރައްވާއިރު، އެކަން އެހެން ނުވާނެ ގޮތަކަށް މާނަކުރައްވާނެ ކަމަށް އަޅުގަނޑު ޤަބޫލް ކުރަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުގެ ސުލޫކީ ކޮމެޓީއަކީ އިންތިޚާބު  ކުރަން ޖެހޭ ބައެއް ވެސް ނޫން ކަމަށާއި އެޕާޓީއަކަށް ބޭނުން ވެއްޖިއްޔާ އެސުލޫކީ ކޮމެޓީ އައްޔަން ވެސް ކުރެވިދާނެ ކަމަށެވެ. އެގޮތުން އެންމެ މީހެއްގެ އަތްމައްޗަށް ވެސް އެބާރު ދެވިގެން ހިނގައިދާނެ ކަމަށާއި އެހެން ކަމުން ސުޕްރީމް ކޯޓުން އެގޮތަށް ނިންމަވާފާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"މިސާލަކަށް ޕީޕީއެމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައި އެތިބަ ތިން މީހުން. އެތިން މީހުން ބޭނުންވާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް. އެނޫން ގޮތަކަށް އެކަމެއް ނުވެސް ހިނގާނެ. އެއީ އައްޔަން ކުރާ މަޤާމަކަށް ވީމަ. އެހެންވީމާ ނިމޭއިރު މިވަނީ އެންމެ މީހަކު ބޭނުން ވީމާ ރައްޔިތުންގެ މަޖިލީހުގެ އެތައް ބައިވަރު ގޮނޑި ގެއްލުވާލެވޭގޮތައް އޮތް މާއްދާއެއް ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމެވުމެއް ކަމަށް ސުޕްރީމް ކޯޓަކުން ނުނިންމަވާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް