ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 19:07
ހޮނިހިރު ދުވަހު ހެނދުނު ޚާން ޔޫނިސް އަށް ދިން ހަމަލާގައި ފަލަސްތީނުގެ 14 މީހުން ޝަހީދުވެފައިވޭ
ހޮނިހިރު ދުވަހު ހެނދުނު ޚާން ޔޫނިސް އަށް ދިން ހަމަލާގައި ފަލަސްތީނުގެ 14 މީހުން ޝަހީދުވެފައިވޭ
އީޕީއޭ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ގާޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި
ހޮނިހިރު ދުވަހު ދިން މި ހަމަލާ ގައި 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ގާޒާގެ ސްކޫލަކަށް ހޮނިހިރު ދުވަހު އިޒްރޭލު ސިފައިން ހަމަލާދީ މަދުވެގެން ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި ކަމަށް ގާޒާގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފިއެވެ.

މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކަމަށް ގާޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ގާޒާ ގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިންނާއި، 8 އަންހެނުން ހިމެނެއެވެ. ގާޒާ ގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދާރުލް ބަލާހް ގެ މެދުތެރޭގައި ހުންނަ މި ސްކޫލް އިމާރާތައް ދިން ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 100ށް ވުރެ މައްޗަށް ގޮސްފައިވެއެވެ.

އިޒްރޭލުން ހަމަލާ އާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާޒާގެ މެދުތެރޭ ސަރަހައްދު ގައި ހުންނަ ޚަދީޖާ ސްކޫލް ކޮމްޕައުންޑަށް ހަމަލާ ދިނީ އެތަނަކީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ވާތީ ކަމަށެވެ.

ހަމާސް އާ ގުޅުން ހުންނަ ތަންތަން ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީން ބޭނުން ކުރަމުންދާ އެތައް ސްކޫލަކަށް މިހާތަނަށް ހަމަލާދީ އެތައް ބަޔަކު މަރާލާފައިވާ އިރު، އެތަންތަނާ ހަމާސް އާ ހުރި އެއްވެސް ގުޅުމެއް މިހާތަނަށް އިޒްރޭލަށް ދެއްކިފައެއް ނުވެއެވެ. ހަމާސް އިން ވެސް ބުނަމުން އަންނަނީ ސްކޫލް ތަކުގެ އިމާރާތްތަކުގައި ހަމާސް ގެ އެއްވެސް ހަރަކާތެއް ހިނގަމުން ނުދާ ކަމުގައެވެ.

ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތިވެފައިވާ ގެތަކުގެ ކައިރިން ފަލަސްތީނުގެ އަންހެނަކު އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ދަނީ - ރޮއިޓާސް

އިޒްރޭލުގެ މި އުދުވާނުގެ ސަބަބުން ޒަޚަމްވެ ލެއިން ފޯވެފައިވާ މީހުން ދާރުލް ބަލާހް ގެ އަލް އަގްސާ ހޮސްޕިޓަލަށް ގެނެސް އެ ހޮސްޕޓަލް ފުރިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވެފައިވާ ބައެއް މީހުންނަށް ހޮސްޕިޓަލަށް ދަތުރު ކުރާނެ އުޅަނދެއް ނުލިބުމުގެ ސަބަބުން ފައިމަގުގައި ހޮސްޕިޓަލަށް އަންނަން މަޖުބޫރުވި ކަމަށްވެސް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ހެނދުނު ޚާން ޔޫނިސް އަށް ވެސް އިޒްރޭލް ސިފައިން ވަނީ ހަމަލާ ދީފައެވެ. ސިއްހީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އެ ހަމަލާގައި ޚާން ޔޫނިސް އިން ފަލަސްތީނުގެ 14 މީހުން ވަނީ ޝަހީދު ވެފައެވެ. އެމީހުންގެ ހަށިތައް ވެސް ވަނީ އަލް-ނާސިރު މެޑިކަލް ކޮމްޕްލެކްސް އަށް ގެނެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް