ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 23:56
‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރާއްޖޭގެ އިޤްތިސާދު
ޗައިނާއިން ނަގާފައިވާ ލޯނުތައް ކުރިއަށް އޮތް 5 އަހަރު ދައްކަން ނުޖެހޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި - ރައީސް
3.8 ބިލިއަން ރުފިޔާ ލޯނު ދެއްކުމަށް ހޭދަކޮށްފައިވާ ކަަމަށް އެ މަނިކުފާނު ވިދާޅުވި
ގައުމުތަކާއި އެކު އެފްޓީއޭ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި

ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ކުރިއަށް އޮތް 5 އަހަރު ދައްކަން ނުޖެހޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައިކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ގައުމު މިނިވަންކަމާއި އެކު ބޭއްވުމަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތް މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ. އަދި އިގްތިސާދީ ގޮތުން ގައުމުތަކާއި އޮންނަ ގުޅުމާއި އިގްތިސާދީ ނިންމުންތަކަކީ މިނިވަންކަމާއި ގުޅިފައިވާ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދަރަނި ދެއްކުމަށްޓަކާ، އެންމެ ބޮޑު އެހީއެއް ދެނީ އިންޑިއާ އާއި ޗައިނާ އިން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ދަރަނިދައްކަން އެ ދެ ޤައުމުން ވެސް ލުއި ގޮތްތަކެއް ހޯދާދެއްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަމަށްޓަކާ އިންޑިއާ އާއި ޗައިނާ އަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއިން ދައްކަން ޖެހޭ 50 މިލިއަން ރޯލްއޯވަރކޮށް، ކާބޯތަކެތީގެ ކޯޓާ ވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާ އިން ވަނީ ލައިންއޮފް ކްރެޑިޓްގައި ހުރި ފައިސާ ވެސް ބޭނުން ކުރެވޭނެ މަގުފަހިކޮށްދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ޔޫއޭއީ ސަރުކާރުން ވެސް އެ ގައުމަށް ދައްކަން ޖެހޭ ލޯނު ކުރިއަށް އޮތް 5 އަހަރު ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަވާދެއްވާނެކަމަށް އެ ގައުމުން ވިދާޅުވެފައިވާކަން ހާމަކުރައްވާފައެވެ.

ޗައިނާ ސަރުކާރުން ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރިން ނަގާފައި ހުރި ލޯނުތައް ނުދައްކާ، ކުރައަށް އޮތް ފަސްއަހަރަށް އެ ލޯނާއި ލޯނުގެ އިންޓްރެސްޓް ނުދައްކާ ގޮތަށް ނިންމާދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވާފަ. އެކަމުގެ ފަންނީ މަސައްކަތް ހިނގަނީ. މީ ނޫންތޯ ގައުމެއްގެ މިނިވަންކަން ހާމަޔަތްކުރުމަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހޭނެ ގޮތަކީ؟
ރައީސް ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރުން މަސައްކަތް ކުރަނީ ނަގާފައިވާ ލޯނުތައް ލުއިގޮތަކަށް ބަހާލައިގެން އިގްތިސާދީ ސިޔަސަތު ނެގެހެއްޓޭނެ ގޮތަކަށް މަސައްކަތް ކުރުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެއްވެސް ލޯނެއް ޑިފޯލްޓް ނުވެ، 3.8 ބިލިއަން ރުފިޔާ ލޯނު ދެއްކުމަށް ހޭދަކޮށްފައިވާ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފަރުދީ ގޮތުން ފުދުންތެރިކަން އިހުސާސް ނުވާ ނަމަ ގައުމުގެ ރައްޔިތުންނަށް މިނިވަންކަން އިހުސާސް ނުވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެކަން ކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގައުމުތަކާއި އެކު އެފްޓީއޭ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް