ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 23:23
ޖެނަރަލް އިބްރާހިމް ދީދީ:--
ޖެނަރަލް އިބްރާހިމް ދީދީ:--
މުހައްމަދު ޝަރުހާން
އިބްރާހިމް ދިދީގެ މައްސަލަ
ޖެނަރަލް ދީދީގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
މި މައްސަލާގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ޖަވާބު ދާރީވުން
ޓެރަރިޒަމްގެ ދައުވާ ކުރަނީ އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި
ކުރިން ދައުވާކުރި، ދައުވާ އަނބުރާ ގެންގޮސް ނުކުރާނެ ކަމަށް ބުނި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފި އެވެ.

 

 އެ މައްސަލަ ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10.30 އަށެވެ. މި މައްސަލާގައި މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ތާވަލު ކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން މައުލޫމާތު ދިން ގޮތުގައި އެ ޝަރީއަތް ކެންސަލް ކުރީ މައްސަލާގައި އިބްރާހިމް ދީދީ ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ދިނުމަށް ދިފާއީ ވަކީލުން އެދިވަޑައިގަތުމުންނެވެ.

 

ދައުލަތުން އުފުލާފައިވާ އެ ދައުވާ އަށް ޖަވާބުދާރީ ވުމަށް ބޭއްވި އަޑުއެހުން ފަސްކުރީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ދީދީ އަށް ރައްދު ކުރެވިފައި ނުވާތީއެވެ.

 

އެ ދުވަހު ބޭއްވި އަޑުއެހުމުގައި ލިޔެކިޔުންތައް އިބްރާހިމް ދީދީ އަށް ލިބިފައިނުވާ ސަބަބާ ގުޅޭ ގޮތުން ޝަރީޢަތުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލައާ ގުޅޭ 16 ޑޮކިޔުމެންޓެއް އިބްރާހިމް ދީދީ އަށް ރައްދު ކުރުމަށްޓަކައި ކޯޓާ ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިބްރާހިމް ދީދީގެ ވަކީލް ވިދާޅުވީ ލިބިފައި ވަނީ ފލުހުންގެ އިދާރާ އަށް އޭނާ ދީފައިވާ ބަޔާނާއި ހިޔުމަންރައިޓްސް ކޮމިޝަނަށް ދީފައިވާ ބަޔާނުގެ އިތުރުން މައްސަލައާ ގުޅޭ ފޯމް ކަމަށެވެ.

 

އިބްރާހިމް ދީދީގެ ވަކީލް ވިދާޅުވީ ދައުވާ އަށް ޖަވާބްދާރީ ވެވޭނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބި އެ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.

 

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަލުން އެ ދައުވާ އުފުލީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ކުރި ޓެރަރިޒަމުގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ. ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ. އެގޮތުން އިބްރާހިމް ދީދީ އާއި،  ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން ކާނަލް (ރޓޑ) މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް