މި ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ނެދަލޭންޑްސް ފިޔަވާއި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އިތުރު އެެހެން ގައުމަކުން ރާއްޖެއަށް ބިސް އެތެރެކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން ބުނީ ފިޕްރޯނިލްގެ މައްސަލަ ދިމާވެފައިވާ ނެދަރލޭންޑްސް އިން ރާއްޖެއަށް ބިސް އެތެެރެކޮށްފައިވާ އިރު އެތެރެކޮށްފައި ވަނީ ވަރަށް މަދު އަދަދެއް ކަމަށާއި އޭގެ ތެރޭގައި ތަޣައްޔަރުވެފައިވާ ކަމަށް މިހާތަނަށް އިއުލާނުކޮށްފައިވާ އެެއްވެސް ބެޗެއްގެ ބިސް ރާއްޖެއަށް އެތެެރެ ކޮށްފައިނުވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިހާއި ބިހުގެ ބާވަތްތައް ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފަ އެވެ.
ނެދަލޭންޑްސް، ބެލްޖިއަމް، ޖަރުމަން އަދި ފަރަންސޭސި ވިލާތުން ބާޒާރަށް ނެރެފައިވާ ބައެއް ކުކުޅު ބިހުގައި "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރި ކަމަށް ހުޅަނގުގެ ގައުމުތަކުން ކުރި ތަހުލީލުތަކުން ކަށަވަރު ވާތީ އޭގެ އަސަރު ކޮށްފައިވާ ކުކުޅު ބިހުގެ ބެޗުތައް އެގައުމުތަކުގެ ބާޒާރުން ދަނީ ނަގަމުންނެވެެ. ފިޕްރޯނިލް އަކީ ބުޅާ، ކުއްތާ އަދި ޖަނަވާރުތަކުގައި އަޅާ އުކުނު ފަދަ ސޫފި ނައްތާލުމަށް ބޭނުން ކުރާ ކެމިކަލެކެވެ.
މިއީ އިންސާނުން ކެއުމަށް ބޭނުން ކުރާ ޖަނަވާރާއި އެފަދަ ތަކެތި ގެންގުޅޭ ތަންތަނުގައި ބޭނުން ކުރުން މަނާ ކެމިކަލެކެވެ.