ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 09:43
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް
ރޮއިޓާސް
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ފަލަސްތީން މީހުންނާ މެދު ލާއިންސާނީ އަމަލު ހިންގި ޔަހޫދީ ބަޔަކަށް އޮސްޓްރޭލިއާ އަށް އެރުން މަނާކޮށްފި
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓުމަކަށް ގެނައުމަށް އޮސްޓްރޭލިއާ އިން ވަނީ ގޮވާލާފައެވެ.
ޚަބަރުގެ އޯޑިއޯ

ފަލަސްތީން ރައްޔިތުންނާ މެދު ލާއިންސާނީ އަމަލު ހިންގި ޔަހޫދީ ބަޔަކަށް އޮސްޓްރޭލިއާ އަށް އެރުން މަނާކޮށްފިއެވެ. މީގެ އިތުރުން އެ މީހުންނަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް އޮސްޓްރޭލިއާ އިން ވަނީ ނިންމާފައެވެ.

ފިޔަވަޅު އެޅި މީހުންނަކީ ހުޅަނގު އައްސޭރީގައި ގަދަކަމުން ވަޒަންވެރިވެގަނެ، އެތަނުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާ މެދު ލާއިންސާނީ އަމަލު ތައް ހިންގި މީހުން ކަމަށް އޮސްޓްރޭލިއާ އިން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ނެރުއްވި ބަޔާނެއްގައި ވަނީ، ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ 7 ޔަހޫދީ އަކަށާއި އެ ތަނުގައި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ހައްދުފަހަނަ އެޅި "ހިލްޓޮޕް ޔޫތް" ކިޔާ ޖަމާއަތަކަށް ފިޔަވަޅު އަޅަން އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އިންސާފު ހޯދައިދިނުމަށް އިޒްރޭލަށް ގޮވާލައިފައެވެ. އަދި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓުމަކަށް ގެނައުމަށް ވެސް ޚާރިޖީ ވަޒީރުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ގަޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ފެށުމާއެކު ހުޅަނގު އައްސޭރީގައި ގަވައިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނަ އެޅި ޔަހޫދީންގެ އަނިޔާވެރިކަން އެތަނުގެ ވަޒަންވެރިންގެ ގޮތުގައި ތިބި ފަލަސްތީން މީހުންނަށް އިތުރުވެ، އެމީހުންގެ ގޯތި ގެދޮރަށް ގެއްލުންދީ، ހުޅުޖަހާ މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހާ މީހުން މެރުން އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. ފަލަސްތީންގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އޮކްޓޯބަރު 7 ގެ ފަހުން ހުޅަނގު އައްސޭރީގެ ވަޒަންވެރިންގެ ތެރެއިން 598 ފަލަސްތީން މީހުން ވަނީ ޔަހޫދީން ހަމަލާދީ މަރާލައިފައެވެ.

އޮސްޓްރޭލިއާ އިން ބުނެފައިވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަން ވެރި ކުރުވުމަކީ ގާނޫނާ ޚިލާފް އަދި އެއީ ސުލްހަ އަށް އެޅޭ ހުރަހެއް ކަމުގައެވެ.

ޖުލައި 19 ގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވެސް ނިންމާފައިވަނީ ހުޅަނގު އައްސޭރި އާއި ފަލަސްތީނުން ހިފާފައިވާ އެހެން ބިންތަކުގައި އިޒްރޭލުން ތިބެނީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އެތަންތަނުން ވަގުތުން އިޒްރޭލުން ފައިބަން ޖެހޭނެ ކަމަށެވެ.

2022 ވަނަ އަހަރު އިޒްރޭލުގެ ބޮޑު ވަޒީރު ކަމަށް ނަތަންޔާހޫ ހޮވުނު ހިސާބުން ހިފާފައިވާ ބިން ތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން އިތުރުކޮށް އެ ބިންތަކަށް އިޒްރޭލުން އަތްގަދަ ކުރުމުގެ މަސައްކަތް ގެންދަނީ ކުރިއަށެވެ. ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ހައްދު ފަހަނަ އަޅާފައިވާ މާލީ ވަޒީރު ބިޒާލެލް ސްމޮޓްރިޗް އަކީ ގަވައިދާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލަހައްޓާ ވަޒީރެވެ. ހިފާފައިވާ ބިމުގައި ގަވައިދާ ޚިލާފަށް އަޅާފައިވާ ގެއެއްގައި ދިރިއުޅެމުން ގެންދާ ސްމޮޓްރިޗް ބުނެފައިވަނީ މުޅިން އަލަށް އެއް މިލިއަން ޔަހޫދީން ވަޒަންވެރި ކުރުވާނެ ކަމަށެވެ.

- ކޮމެންޓް