ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުގައި ފުލުހުން ގާނޫނާއި ގަވައިދާ ހިލާފަށް ބައެއް އަމަލުތައް ހިންގަމުންދާތީ، އެ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑްގެ ނަމުގައި ހަދާފައިވާ ޔުނިޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިއްސާ ކޮށްފި އެވެ.
މި މައްސަލަ ފުލުހުންނާއި ހިއްސާކުރުމަށް ފުލުުހުންގެ ހެޑް ކުއަޓަރސް އަށް ގޮސްފައި ވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އާންމު ރައްޔިތުންނާމެދު ބައެއް ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި އަންހެނުންނަށް މުހާތަބުކޮށް ޖިންސީ ފުރައްސާރަ ކުރުން ކަަމަށް ބެލެވޭ ގޮތަށް ވާހަކަ ދައްކާ ކަމަށެވެ.
" އޭގެ އިތުރުުން އަޅުގަނޑުމެންނަށް، ފާހަގަކުރެވޭ، ބައެއް ފުލުހުން އައިސް އަންހެނުންގެ އަތުގައި ހިފާ ދަމާ އެބަހަދާ. މުޒާހަރާތެރޭގައި ފުލުހުންގެ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރަމުންދާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. ފުލުހުންގެ މުއައްސަސާއަކީ ވެސް ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށްވާ އިރު އެކަން ކަމަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން ފުލުހުންނާއި ވާހަކަ ދައްކައިގެން މަސައްކަތް ކުރަނީ." ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ، ފުލުހުންގެ ތެރެއިން ވެސް ގާނޫނު އަސާސީއާ ހިލާފަށް ބައެއް ކަންކަން ދާކަން އެބޭފުޅުން ގަބޫލު ކުރާ ކަމަށެވެ. ރޮޒެއިންނާ ވިދާޅުވީ، ރަސްމީ މައްސަލައެއްގެ ގޮތުގައި މިއަދު މައްސަލަ ހުށަނާޅާ ކަމަށާއި އެހެން ނަމަވެސް ފުލުހުންނާއި މެދު ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތައް މިއަދު އެބޭފުޅުންނާއި ހިއްސާކުރި ކަމަށެވެ.
" ޔުނީފޯމް އަޅައިގެން ހުރިއްޔާމު އެ ޔުނީފޯމެއްގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެސް އޮންނަ ގޮތަށް އެެބޭފުޅުންގެ އަމަލު ކުރުން އަޅުގަނޑުމެން ވެސް އެދެނީ. އެކަމަށް ހިތްވަރު ދިނުމަށް އަޅުގަނޑުމެން ބޭނުން ވަނީ. އެއްވެސް ހާލެއްގައި އެއްވެސް ބަޔަކަށް އަދަބުތަކެއް ދިނުމަކަށް ނޫން އަޅުގަނޑުމެން ނިކުމެ މިއުޅެނީ." ރޮޒެއިނާ ވިދާޅުވި އެވެ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިފަދަ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހިއްސާ ކޮށްފައިވާ އިރު ދާދި ފަހުން ފުލުހުންގެ އިދާރާއިން ވަނީ، ފުލުހުންނާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު މައުލޫމާތުތައް ހާމަކޮށް، ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަން ހާމަކޮށްފަ އެވެ.