ކ. މާލެ
|
23 ޖުލައި 2024 | އަންގާރަ 19:17
 ޒަކާތް ބަލައިގަތުމުގެ ތެރެެއިން
ޒަކާތް ބަލައިގަތުމުގެ ތެރެެއިން
އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތް
މުދަލު ޒަކާތް ބަހަން އަދިވެސް ނުފަށާ، ފަށާނެ ދުވަހެއް ވެސް ނޭނގޭ - އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތް ނުބަހާ ލަސްވާތީ އެކަމުގެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އާއްމުން ދަނީ ބުނަމުން
ފަގީރުންގެ ދަފްތަރު އާ ކުރުމުގެ މަސައްކަތް ނިމޭނީ ކޮން ދުވަހަކުންކަން ބުނަން ނޭނގޭ ކަމަށް އެ މިނިސްޓްރީން ބުނޭ

މުދަލު ޒަކާތް ބަހަން އަދިވެސް ނުފަށާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މުދަލުގެ ޒަކާތް ދޫކުރުން ލަސްވާތީ ބައެއް އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތާ މިހާރު މަހެއްހާ ދުވަސް ވަނީ ވެފައެވެ.

ބައެއް އާއްމުން ބުނަނީ އާއްމުކޮށް ބޮޑު ޢީދަށް ފަހު މީގެ ކުރިން އެ ފައިސާ ލިބޭ ކަމަށެވެ.

މުދަލު ޒަކާތް ބަހަން އަދިވެސް ނުފަށާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެ މިނިސްޓްރީ އަށް ލައިވްކޮށް ގުޅުމުންނެވެ.

މިނިސްޓްރީން މީގެ ކުރިން ބުނީ ޒަކާތް ނުދެވި ލަސްވަނީ ޒަކާތް ހައްގުވާ މީހުންގެ ލިސްޓް އާ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

އެ މަސައްކަތާއި ގުޅޭގޮތުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ މީހުންނަށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަަމަށާއި ހުށަހަޅާފައިވާ ފޯރމްތައް ރިވިއުކުރުމުގެ މަރުހަލާ ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެހެންނަމަވެސް ފަގީރުންގެ ދަފްތަރު އާ ކުރުމުގެ މަސައްކަތް ނިމޭނީ ކޮން ދުވަހަކުންކަން ބުނަން ނޭނގޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ދިގުލައިގެން ހިނގައިދާނެތޯ ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ އެއަށް ވުރެ މުދަލު ޒަކާތް ދިނުމުގެ މަސައްކަތް އަވަސްވާނެ ކަމަށެވެ. ނަމަވެސް އެކަމަށް ކިހާ ދުވަހެއް ނަގާނެކަން ބުނަން ނޭނގޭ ކަމަށް އެ މިނިސްޓްރީން ރާއްޖެޓީވީ އަށް މައުލޫމާތުދިން އޮފިޝަލް ވަނީ ބުނެފައެެވެ.

މުދަލު ޒަކާތް ނުބަހާ ލަސްވާތީ އެކަމުގެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.

މުދަލުގެ ޒަކާތް ސަރުކާރަށް ދައްކަނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކުރެވިގެން މުދަލުގެ ޒަކާތް ވާޖިބުވާ ހުރިހާ ފަރާތްތަކުން ވެސް މުދަަލުގެ ޒަކާތް ދެއްކުމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ 01 އަހަރުވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި 2.5 ނެރުމަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

- ކޮމެންޓް