ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 13:06
ރާއްޖޭގެ ފަރެއް އެއްކޮށްހެން މަރުވެފައި، ބައެއް ސަރަހައްދުތަކުގައި ދިރުން ހުރީ ފަސް އިންސައްތަ
ރާއްޖޭގެ ފަރެއް އެއްކޮށްހެން މަރުވެފައި، ބައެއް ސަރަހައްދުތަކުގައި ދިރުން ހުރީ ފަސް އިންސައްތަ
ބަޔޮސްފިޔާ އެކްސްޕެޑިޝަންސް
ފަރުތަކާއި މުރަކަ މަރުވުން
ފަޅު ހިއްކުމުގެ ނޭދެވޭ އަސަރުކޮށް ފަރުތައް އެއްކޮށް މަރުވެދާނެ ކަމުގެ ބިރު!
ބައެއް ފަރުތައް 95 އިން ސައްތަ މަރުވެއްޖެ
ރިސޯޓް ހެދުމަށް ބިންހިއްކުމުގެ ތެރެއިން ފަރުތަކަށް ކިސަޑު ފައިބާ ފަރުތައް ހާސްވެއްޖެ
ސަރުކާރާ ރައްޔިތުން މި ހަގީގަތައް ހޭލަން ވެއްޖެ

ރާއްޖޭގެ ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި ފަރުތަކުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަށަށްދާ ކަމަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަރުތަކަށް ލިބޭ ގެއްލުންތައް ދިރާސާ ކުރާ ބޭރުގެ ޖަމިއްޔާއަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ދިރުންތަކާއި ފަރުތަކަށް ލިބޭ ގެއްލުންތައް ދިރާސާކުރަމުންދާ "ބަޔޮސްފިޔާ އެކްސްޕެޑިޝަންސް" އިން ކުރި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެލް-ނީނިއޯގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފަރުތަކަށް ވަރަށް ބޮޑަށް ކޮށްފައި ވެއެވެ. އެލް-ނީނިއޯގެ ސަބަބުން ލިބުނު ގެއްލުން އިޔާދަނުވަނީސް، ރިސޯޓް ތަރައްގީކުރުމަށް ފަޅުތައް ހިއްކުމުގެ ސަބަބުން ފަރުތައް މަރުވަމުންދާ ކަމާއި ކަށިބޯ ގިނަވުމުގެ ސަބަބުން ފަރުތައް މަރުވަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.

ކަށިބޮލަކީ އޭގެ އާބާދީ މާބޮޑަށް އިތުރުވެއްޖެ ނަމަ މުރަކައިގެ ދިރުން ނެތިކޮށްލާ އެއްޗެކެވެ. އެކަމުގެ ސަބަބަކީ ކަށިބޮލުގެ ކާނާއަކީ މުރަކައިގެ ދިރުން ހުންނަ ބައި ކަމަށް ވާތީއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ފަރުތަކުގެ ރީތިކަން މުހިންމު ރޯލެއް އަދާކުރާއިރު ޓުއަރިސްޓުން ފީނާ ފަރުތަކުގައި ކަށިބޮލުގެ އާބާދީ މާބޮޑަށް އިތުރުވާން ފަށައިފި ނަމަ މުރަކަތައް މަރުވެ، ހުދުކުލަޔަށް ބަދަލުވެއެވެ. އަދި އެއާއެކު ގާހުދުވުމުގެ މައްސަލައާ ކުރިމަތިލާންޖެހި ފަރުތަކުގެ ރީތިކަން ގެއްލޭގޮތް ދިމާވެއެވެ.

ރާއްޖޭގެ ފަރުތަކުގެ ހާލަތު ދިރާސާ ކުރުމަށް ފަހު، އިނގިރޭސިވިލާތުގެ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ ބަޔޮސްފިޔަރ އެކްސްޕެޑިޝަން އިން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ކަންބޮޑުވާ މިންވަރަކަށް ރާއްޖޭގެ ފަރުތަކުގެ ދިރުން ގެއްލިފައިވާ ކަން ފާހަގަ ކުރެވެއެވެ.

އެ ޖަމިއްޔާއިން ރާއްޖޭގައި ކުރި އަށް ވަނަ އަހަރީ ދިރާސާއަށް ފަހު، އިނގިރޭސިވިލާތުގެ މަޝްހޫރު ޖަމިއްޔާ، މެރީން ކޮންސަވޭޝަން ސޮސައިޓީ (އެމްސީއެސް)ގެ ސައިންޓިސްޓް އަދި މުރަކަ އާއި ފަރުތަކާ ބެހޭ ތަޖުރިބާކާރު ޑރ. ޖީންލުކް ސޮލާންޓް ވިދާޅުވެފައި ވަނީ ރިސޯޓް ތަރައްގީކުރުމަށް ފަޅުތައް ހިއްކާއިރު ފަރުތަކަށް ކިސަނޑު ފައިބައި މަރުވަމުންދާ ކަމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލަކީ ރާއްޖޭގެ ފަރުތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. ޑރ. ސޮލާންޓް ވިދާޅުވެފައި ވަނީ ފަރުތަކަށް ދިމާވާނެ ހުރިހާ މައްސަލަތަކެއް ރާއްޖެއިން ފެނިގެންދާ ކަމަށާއި އެންމެ ބޮޑު ހިތާމައަކީ ބައެއް ހިސާބުތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވުން ކަމަށެވެ.

"މައްސަލައަކީ މައްސަލަތައް އިތުރުވަމުން ދިޔުން، ކިސަޑު އެޅުން، ތަޣައްޔަރުވުން، ލޮނުގަނޑުގެ ފިނިހޫނު މިން މައްޗަށް ދިއުން، މަސް އާލާ ވަރަށް ވުރެ ގިނައިން ފަރު މަސްވެރިކަން ކުރުން، މޫދުގެ އެސިޑިޓީ މައްޗަށް ދިއުން، މިހެން ގޮސް ހުރިހާ ކަމެއް ރާއްޖެއަށް ވަނީ ކުރިމަތިވެފައި" ޑރ. ޑރ. ޖީންލުކް ސޮލާންޓް ވިދާޅުވިއެވެ.

ދިރާސާ ކުރިއަށް ގެންދިޔަ އެއް ހިސާބަކީ އަރިއަތޮޅަށްވާއިރު، އެ އަތޮޅުގެ ފަރުތަކަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަމަށް ސައިންޓިސްޓް ފާހަގަކުރެއްވި އެވެ. 

އެ ޖަމިއްޔާއިން ކުރި ދިރާސާގެ ފުރިހަމަ ރިޕޯޓެއް މިއަހަރުގެ ފަހުކޮޅު އާންމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދިރާސާކުރުމުގައި ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރީފްޗެކް މޯލްޑިވްސް އިން ވެސް ބައިވެރިވެފައި ވެއެވެ.

ދިރާސާތަކާ ގުޅޭ ގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަންގާގާ އާއި ކުޑަފަޅު ފަދަ ފަދަ ފަރުތަކުގައި މިހާރު ދިރޭ މުރަކަ ހުރީ އެންމެ ފަސް އިންސައްތައިގަ އެވެ. އަދި ބައެއް އެހެނިހެން ހިސާބުތަކުގެ ފަރުތަކުގައި ދިރޭ މުރަކަ ހުރީ އެންމެ ހަތް އިންސައްތައިގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ ފަރުތަކުގައި އުޅޭ ބައެއް މަސްމަހާމެހީގެ ދިރުން ހުރި މިންވަރު ވެސް ބަލާފަ އެވެ. އެގޮތުން އެ ޖަމިއްޔާއިން ބުނެފައި ވަނީ ބައެއް ފަރުތަކުގައި އެއްވެސް މިންވަރަކަށް ބޮޑެތި ފާނައިގެ އާބާދީ ފެނިފައިނުވުމުން ހައިރާންކަން ލިބިގެންދިޔަ ކަމަށެވެ. މީގެ އިތުރުން، ޖުމްލަކޮށް ރާއްޖޭގެ ފަރުތަކުން މަހުގެ އާބާދީ މަދުވަމުން އަންނަ ކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މައްސަލައަކީ ފަރުތަކުގައި މަސް އާލާވާ ވަރަށް ވުރެ ގިނައިން ފަރު މަސްވެރިކަން ކުރަމުން ދިއުމެވެ.

ދިރާސާކުރުމަށް ރާއްޖެ އައި ޓީމްގެ ލީޑަރު ކެތުރީން އެސެލް ވިދާޅުވެފައި ވަނީ ރިސޯޓް ތަރައްގީ ކުރުމަށް ފަޅުތައް ހިއްކުމުގެ ސަބަބުން ފަރުތައް ނެތިވެ ދިއުމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެގޮތުން ފަރުތައް ކޮނުމާއި، ބިން ހިއްކުމަށް މިލިއަން ޓަނުން ވެލި އެޅުމުގެ ސަބަބުން، މޭލަކަށް ވުރެ ދުރުގައި ހުންނަ މުރަކަތަކުގައި ވެސް ކިސަނޑު ހަރުލައި، ލިބެންޖެހޭ އިރުގެ އަލިކަން ނުލިބި މަރުވަމުންދާކަން ކެތްރީން އެސެލް ފާހަގަކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ބިން ހިއްކުމުގެ ބޭނުމުގައި ފަރުތަކުގެ މައްޗަށް ކިސަޑު އަޅަމުންދާއިރު ހީވަނީ ފަރުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް މަދުވެގެން އުޅޭހެން ކަމުގައެވެ.

ބަޔޮސްފިޔާ އެކްސްޕެޑިޝަންސްގެ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މެތިއަސް ހެމާ ވަނީ މުރަކަ އާއި ފަރުތަކަކީ ރާއްޖޭގެ ރަށްތައް އޭގެ މައްޗަށް އުފެދިފައިވާ އަސާސްކަމާއި ރާއްޖޭގެ އިގްތިސާދާއި، ދިވެހިންގެ ކެއިންބުއިން ބުނާވެފައި ވަނީ ވެސް ފަރުތަކާއި މުރަކައިގެ މައްޗަށް ކަން ފާހަގަކުރައްވާފަ އެވެ. އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ  ނޭނގި ތިބެ ނަމަވެސް، ދިވެހިން ގެންދަނީ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ ދެމިއޮތުމުގެ އަސާސް ނެތިކޮށްލަމުން ކަމަށެވެ.

ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މުރަކަތައް ބްލީޗްވުން ނުވަތަ ހުދުމުގެ ހަރަކާތްތަކެއް 1997 ވަނަ އަހަރާއި، 2010 ވަނަ އަހަރާއި އަދި 2016 ވަނަ އަހަރު ރާއްޖޭގެ ފަރުތަކުގައި ހިނގި އެވެ. އެ ހަރަކާތްތަކުގެ ސަބަބުން މުރަކަތަކާއި ފަރުތައް މަރުވެ އެކަމުގެ ނޭދެވޭ އަސަރުތައް މަސްވެރިކަމަށް ފޯރި އެވެ. ދިރާސާތައް ދައްކާ ގޮތުން މުރަކަގަނޑެއް ހުދުވުމަށް ފަހު އެނބުރި ކުރީގެ ހާލަތަށް ރުޖޫއަވުމަށް 12 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ފަޅު ހިއްކުމުގެ ސަބަބުން ސެޑިމެންޓް ނުވަތަ ކުނޑިފަދަ ތަކެތި ފޯރުމާއި، ކަނޑުގެ އެސިޑިފިކޭޝަން މިންވަރު އިތުރުވުމާއި އިންސާނުންގެ ފަރާތުން ފަރުތަކަށް ގެއްލުން ލިބެމުންދާ ނަމަ، ގެއްލުން އިޔާދަނުވާ ހާލަތަކަށް ހިނގައިދެއެވެ.

ޑރ. ހެމާ ވަނީ ރާއްޖޭގެ ފަރުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ އެއްޗަކީ ވެސް ފަރުތަކަށްވާއިރު، ފަރުތަކަށް ކުރިމަތިވަމުންދާ ހާލަތާ ކުރިމަތިލައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ވާނުވާ ނޭނގި ނުވަތަ އަޅާނުލައި މިއަދު ތިބެވިދާނެ ކަމަށާއި ނަމަވެސް، ފަރުތައް މަރުވެގެން ދާނީ ރާއްޖޭގެ އިގްތިސާދާ ވެސް އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް