ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 14:21
ނުސީރަތް ރެފިއުޖީ ކޭމްޕްގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ހަލާކު ކޮށްލާފައި
ނުސީރަތް ރެފިއުޖީ ކޭމްޕްގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ހަލާކު ކޮށްލާފައި
އޭއެފްޕީ
ގާޒާ ހަނގުރާމަ
ސްކޫލަކަށް ޔަހޫދީ ސިފައިން މިސައިލުން ހަމަލާ ދީ ފަލަސްތީނުގެ 15 މީހުން މަރާލައިފި
ހަމަލާގައި މަރުވި މީހުންގެ އިތުރުން 80 ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އިޒްރޭލުން ގެންދަނީ ރެފިއުޖީންގެ ވަގުތީ ހިޔާތަކަށް އަމާޒުކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާ ދެމުން.

ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުރި ސްކޫލަކަށް އާދިއްތަ ދުވަހު މެންދުރު ފަހު ޔަހޫދީ އިޒްރޭލް ސިފައިން ނުރައްކާތެރި މިސައިލް ހަމަލާ އެއް ދީ ފަލަސްތީނުގެ 15 މީހުން މަރާލައިފިއެވެ.

ގާޒާގެ މެދުތެރޭ ސަހަރައްދުގައި ހުންނަ މި ސްކޫލަކީ އދ ގެ ރެފިއުޖީންނާ ބެހޭ އޮފީހުގެ ފަރާތުން ބަލަހައްޓަމުންދާ ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެކެވެ.

މިހަމަލާގައި 80 ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ.

އިޒްރޭލުން މި ފަހަކަށް އައިސް ހަމަލާތައް ދެމުން ދަނީ ރައްކަތެރި ސަރަހައްދު ކަމަށް އިޒްރޭލުން ކަނޑައަޅާފައިވާ، ސަރަހައްދު ތަކުގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންގެ ވަގުތީ ހިޔާ ތަކަށާއި ސްކޫލްތަކަށާއި އދ ގެ އޮފީސް ތަކަށެވެ. އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އަލް-މަވާސީ ކޭމްޕަށް ހަމަލާ ދިން އިރުވެސް އެތަނަކީ ރައްކައުތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. އެ ހަމަލާގައި ވެސް 90ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އަނެއްކޮޅުން މިސްރާއި ގަތަރުގައި ކުރި އަށް ދާ ސުލްހައިގެ ވާހަކަތަކުން ހަމާސް ވަކިވި ކަމަށް ފެތުރިފައިވާ ޚަބަރަކީ ރަނގަޅު ޚަބަރެއް ނޫން ކަމަށް ހަމާސްގެ ސިޔާސީ އޮފީހުގެ އޮފިޝަލެއް ކަމަށްވާ އިއްޒަތުއް ރިޝްގް އާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ނުސީރަތް ރެފިއުޖީ ކޭމްޕްގެ އދ އިން ހިންގާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައި ހަމާސް އިން ބުނެފައިވަނީ ޓެރަރިސްޓް ނަތަންޔާހޫ އާއި އޭނާގެ ޔަހޫދީ ސަރުކާރުން ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުމަށް ކުރަމުންދާ މަސައްކަތް އާޚިރުގައި ފެއިލް ވާނެ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން ފަލަސްތީނުން 38،584 މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުގެ ހަމަލާ ތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 88،881ށް ވުރެ ވަނީ މައްޗަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް