Advertisement
ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 23:27
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައެއްގައި 30 އަހަރުގެ ޒުވާނަކު 30 ދުވަހަށް ބަންދުކޮށްފި
މި މީހާ ދުއްވަން އިން ސައިކަލުގެ މަޑިދަށުންވެސް މަސްތުވާތަކެތި ފެނިފައިވޭ
ބަލައި ދިޔަ ޕެކޭޖުގައި ދެވައްތަރެއްގެ މަސްތުވާތަކެތި ހުރި އަދި ބަރުދަނުގައި 311 ގްރާމް ހުރި

މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެ އެތެކަތީގެ ވިޔަފާރިކުރުމުގެ ތުހުމުގައި 30 އަހަރުގެ ޒުވާނަކު 30 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ.

މީނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ. އަދި ޕޯސްޓް މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހިންގުނު އޮޕަރޭޝަނެއްގައި، އެ ފޮށިގަނޑު ބަލައި އައި ފަރާތުގެ ހާޒިރުގައި ކަނޑައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ.

އަދި ބަލައި އައި ފަރާތުގެ އެހީތެރިކަމާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާ ހަވާލުވާން އައީ އޭނާކަމަށް އަމުރުގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ދެމީހުންގެ ދެމެދުގައި ފޮށިގަނޑު ބަލައި އައުމަށް މުއާމަލާތްތަކެއް ކުރެވިފައިވާކަމަށް ސީނުގައި ތިބި ފުލުހުންގެ ބަޔާނުން އެނގެއެވެ. އަދި މީނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

Advertisement

އަދި މި މީހާގެ ކުޑަކަމުދާތަކެތި ޓިއެޗްސީއަށް ޕޮޒިޓިވްވެފައި ވާއިރު، ފުލުހުން ހުށަހަޅާފައިވާ މި މީހާގެ ފޯނުގެ މޮބައިލް އެކްސްޓްރެކްޝަން ރިޕޯޓުން މަސްތުވާތަކެތި ހުރި ޕެކޭޖުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް ގުޅާފައިވާ ކަން އެނގޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ މި މީހާ ބަންދުގައި ބަހައްޓަންޖެހެނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ފޮށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ޓެޓްރާހައިޑްރޯ ކެނެބިލް އަދި ކެނެބިނޯލް ހިމެނެއެވެ. ބަރުދަނުގައި 311 ގްރާމް ހުރިކަމަށް ތަހުލީލު ރިޕޯޓުން އެނގެއެވެ. އަދި މިއީ އިތުރު ބަޔަކާއި ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ އަމަލެއްކަމަށް ބެލެވޭ ކަންކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން މި މީހާ ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 45 ގްރާމުގެ ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް