މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނިކުންނައިރު، ފައިނަލް ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގެ ސެމީ ފައިނަލްގައި ނެދަލެންޑްސް ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އެންމެ ފަހުން ނެދަލެންޑްސް އިން ޔޫރޯ މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅުނީ 2004 ވަނަ އަހަރު އެވެ. އެ އަހަރުގެ ސެމީ ފައިނަލް އިން ބަލިވެ އެ ޓީމު މުބާރާތުން ކެޓި އެވެ. ނެދަލެންޑްސް ވަނީ މީގެ ކުރިން 1988 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ.
ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫމަން ބުނީ، ނެދަލެންޑްސް އަށް ބައެއް ކަހަލަ އުނދަގޫތައް ކުރިމަތިވި ކަމަށާއި، އެހެން ނަމަވެސް އެކަންކަމާ މާބޮޑު ޝަކުވާއެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ ނެދަލެންޑްސް އަށް ވަގުތު ލިބުނު ކަމަށާއި، ޓީމުގައި މިވަގުތު އެއްވެސް ހާސްކަމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
ނެދަލެންޑްސްގެ ޓީމު ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ދަތުރު ޝެޑިއުލަށް ވަނީ ބަދަލު އައިސްފަ އެވެ. އެކަމުގެ ސަބަބުން، ސެމީ ފައިނަލް މެޗުގެ ކުރިން ނެދަލެންޑްސް އިން ކުރިއަށް ގެންދަން އޮތް ފަރިތަކުރުންތަކަށް ވެސް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ. ދަތުރުގެ ޝެޑިއުލް އަށް ބަދަލު ގެންނަން ޖެހުމާއެކު، ނެދަލެންޑްސްގެ ޓީމު ޑޯޓްމަންޑަށް ދާން ޖެހުނީ ވައިގެ މަގުންނެވެ.
މީގެ އިތުރުން ކޫމަން ބުނީ، ދެ ޓީމަކީ ވެސް ދާދި އެއް ފެންވަރެއްގެ ޓީމެއް ކަމަށާއި، އޭނާ ޤަބޫލު ކުރާ ގޮތުގައި އެއީ ހަމަ ހަމަ މެޗަކަށް ވާނެ އެވެ. މެޗުން މޮޅުވެ، ފައިނަލަށް ދާން ނެދަލެންޑްސް ބޭނުންވާ ކަމަށާއި، އެކަން ޙާސިލު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ކޫމަން ފާހަގަ ކޮށްފައިވާ ގޮތުގައި އޭނާގެ ވިސްނުމުގައި ހަމައެކަނި އޮތީ ފައިނަލް އެވެ. އެ ނޫން އެއްވެސް ވިސްނުމެއް ކޫމަން ނުގެންގުޅެ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސް އާއި އިންގްލެންޑު ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.