ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 22:46
އިޒްރޭލް ގެ ހަމަލާ އެއްގައި މަރުވި ފަލަސްތީނުގެ މީހެއްގެ ހަށިގަނޑު ގެންދަނީ
އިޒްރޭލް ގެ ހަމަލާ އެއްގައި މަރުވި ފަލަސްތީނުގެ މީހެއްގެ ހަށިގަނޑު ގެންދަނީ
ރޮއިޓާސް
ގާޒާ ހަނގުރާމަ
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން މަރުވި މީހުންގެ އަދަދު 186،000ށް ވުރެ މަތިވާނެ: ރިޕޯޓް
ހަނގުރާމައިގައި ފަލަސްތީނުން މަރުވާ މީހުންގެ ރެކޯޑް ބަލަހައްޓަނީ ހަމަ އެކަނި ގާޒާގެ ހެލްތް މިނިސްޓްރީން ކަމަށް ވާއިރު، ރިޕޯޓް ގައި ބުނަނީ ހެލްތް މިނިސްޓްރީގެ ހިސާބުތަކަށް ވުރެ އަސްލު މަރުވި މީހުންގެ އަދަދު 5 ގުނަ އިތުރުވާނެ ކަމަށެވެ. ހަނގުރާމަ މިހާރު ހުއްޓާލި ކަމުގައި ވިޔަސް ހަނގުރާމައިގެ ނުސީދާ އަސަރުތަކުގައި މީހުން މަރުވުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އަށް 9 މަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު ރަސްމީ ހިސާބުތަކަށް ވުރެ ފަސް ގުނަ އިތުރުވާނެ ކަމަށް ބެލޭ ކަމަށް ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އިނގިރޭސި ވިލާތުގައި ޝާއިއު ކުރާ މެޑިކަލް މަޖައްލާ - ލެންސެޓް އިން ބުނެފިއެވެ.

އެ މަޖައްލާގައި ޝާއިއު ކޮށްފައިވާ ރިޕޯޓުގައި އަންދާޒާ ކޮށްފައިވާ ގޮތުގައި 186،000 ށް ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން ވަނީ މަރުވެފައެވެ. އެއީ ގާޒާގެ އާބާދީގެ 8 އިން ސައްތަ އެވެ.

ހަނގުރާމައިގައި މަރުވާ ފަލަސްތީނު މީހުންގެ ރެކޯޑް ތައް ބަލަހައްޓާ ހަމަ އެކަނި އިދާރާ ކަމަށްވާ، ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން މިހާތަނަށް މަރުވި މީހުންގެ އަދަދުގެ ގޮތުގައި ހާމަކޮށްފައި ވަނީ 38،193 އެވެ. މީގެ އިތުރުން ބުނެފައިވަނީ އޮކްޓޯބަރު 7 ގެ ފަހުން ދިން ހަމަލާތަކުގައި 87،903 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މި ހަފްތާގައި ލެންސެޓް އިން ހާމަ ކުރި ރިޕޯޓުގައި ބުނެފައިވަނީ، މަރުވި މީހުންގެ އަސްލު އަދަދު 186،000ށް ވުރެ މަތިވާނެ ކަމަށް ބެލެވެނީ، ހަނގުރާމައިގައި ސީދާ ގޮތުން މަރުވާ ކޮންމެ މީހަކަށް ނުސީދާ ގޮތުން 4 މީހުން މަރުވާނެ ކަމަށް ބެލޭތީ ކަމުގައެވެ. ލެންސެޓް ގެ ދިރާސާގައި ބުނެފައިވަނީ ފަހުގެ ތާރީޚްގައި ހިނގާފައިވާ މިފަދަ ކުރިމަތިލުން ތަކުގައި މީހުން މަރުވެފައިވާ ގޮތައް ބަލާއިރު، ސީދާ ގޮތުން ހަމަލާގައި މަރުވާ ކޮންމެ މީހަކަށް ނުސީދާ ގޮތުން 3 އާއި 15 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައި ވާކަމަށެވެ.

ލެންސެޓްގެ ރިޕޯޓުގައިވާ އަންދާޒާ ބިނާ ކޮށްފައިވަނީ ގާޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ޝާއިއު ކުރާ އަދަދު ތަކުގެ މައްޗަށް ބަލައިގެން ކަމަށް ވާއިރު، ލެންސެޓްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކުރާ އަދަދުތައް ގަބޫލު ނުކުރާ ކަމަށް އިޒްރޭލު ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، އިޒްރޭލުގެ ޖާސޫސީ ޚިދުމަތްތަކާ ބެހޭ އޮފީހުންނާއި، އދ އިންނާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނެފައިވަނީ ގާޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ޝާއިއު ކުރާ އަދަދުތަކަކީ ސައްހަ އަދަދުތައް ކަމަށް ބެލޭ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފަލަސްތީނުގެ އޮފިޝަލުންނަށް މަރުވި މީހުންގެ ތެރެއިން 30 އިންސައްތަ މީހުންގެ އައިޑެންޓިޓީ ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، ގާޒާގެ ހެލްތް މިނިސްޓްރީން ޝާއިއު ކުރާ އަދަދުތަކަށް ބަރޯސާ ވެވިދާނެ ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައިވަނީ ގާޒާގެ އޮފިޝަލް ރިޕޯޓް ކުރާ އަދަދަކީ އަސްލު އަދަދަށް ވުރެ މާ ބޮޑު ތަނުން ދަށް އަދަދެއް ކަމަށް ވާތީ ކަމަށެވެ.

ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ގާޒާ ސްޓްރިޕް ގައި ހިނގަމުންދާ ހާދިސާތައް ތަފްސީލް ކޮށް ޑޮކިއުމެންޓް ކުރަމުންދާ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ އެއަރވޯރޒް ގެ ހޯދުންތަކުގެ މައްޗަށްވެސް ރިއާޔަތް ކޮށްފައެވެ. އެ ޖަމްއިއްޔާ އިން ބުނެފައިވަނީ، ގާޒާގެ އޮފިޝަލުން ނެރޭ ލިސްޓުގައި ބައެއް ފަހަރު މަރުވި ކަމަށް ދެނެގަނެވޭ މީހުން ވެސް ހިމެނިފައި ނުހުންނަ ކަމަށެވެ.

ފެބްރުއަރީ 29 ގެ ނިޔަލަށް ގާޒާގެ އިމާރާތްތަކުގެ 35 އިންސައްތަ ފުނޑު ފުނޑު ވެފައި ވާއިރު، ރިޕޯޓުގައި ބުނާ ގޮތުގައި، އދ އިން އަންދާޒާ ކޮށްފައިވަނީ، އިމާރާތްތަކުގެ ދަށުވެގެން މަރުވެފައިވާ މީހުންގެ އަދަދު މަދުވެގެން 10،000 ށް އަރާނެ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ހަނގުރާމަ މާދަން ނިމުނު ކަމުގައި ވިޔަސް، ހަނގުރާމައިގެ ނުސީދާ އަސަރުގެ ސަބަބުން މީހުން މަރުވުން އެތައް އަހަރު ތަކަކަށް ދެމިގެން ދާނެ ކަމަށެވެ.

އިޒްރޭލް ސިފައިން ގާޒާގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަމާލާ ދީ އެތަންތަން ހަލާކު ކޮށްލާފައި ވުމާއި، ސާފު ބޯފެނާއި ކާނާ އާއި ބޭސް ލިބުމަށް ހުރަސްތައް ކުރިމަތި ކޮށްފައި ވުމާއި، ރައްކާތެރި ހިޔާވަހި ކަމެއް ލިބުން ނެތުމާއި، އާންމު ސާފުތާހިރު ކަން ގެއްލި، ގައިގަޔަށް އަރާ ބަލި ފެތުރުން ފަދަ އެތައް ސަބަބުތަކަކާ ހެދި މި ހަނގުރާމައިގެ ސަބަބުން ނުސީދާ ކޮށް މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށް ދެކޭ ކަމުގައި ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓް ނިންމާލަމުން، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލުމުގެ އިތުރުން ގާޒާ ގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާނާ އާއި ސާފު ފެން ލިބޭނެ ގޮތް ވަގުތުން ތަނަވަސް ކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް