ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 07:42
ސްޕެއިން ޤައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ސްޕެއިން ޤައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ރޮއިޓާސް
ޔޫރޯ 2024
ފުއެންޓޭ ހުރީ ޔަޤީންކަމާއެކު، "ފެއިލް" އެއް ނުވާނެ!
މަސައްކަތާއި، ހިތްވަރާއި، ކެރުންތެރިކަމާއެކު ކުރިއަށް ގޮސްފި ނަމަ، އެއްވެސް ކަމެއްގެ ފެއިލް ނުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، ޔަޤީންކަމާއެކު ހުރި ކަމަށާއި ފެއިލް ނުވާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

މިއަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ޓީމަކީ ސްޕެއިން އެވެ. އެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އަނެއްކޮޅުން ގަދަ 16 ވަނަ ބުރުގެ މެޗާއި، ކުއާޓާ ފައިނަލްގެ މެޗު ވެސް ކާމިޔާބު ކުރި އެވެ. ކުއާޓާ ފައިނަލްގައި ސްޕެއިން އިން ވަނީ މުބާރާތް ބާއްވާ ޤައުމު ޖަރުމަނުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ފްރާންސްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ކާމިޔާބަކީ އެތައް މަސައްކަތަކުން އަދި އެތައް ޤުރުބާނީއަކުން ލިބޭ އެއްޗެއް ކަމަށެވެ. އެއީ އެތައް ކަމެއްގެ މައްޗަށް ބިނާވެގެންދާ ކަމެއްކަމަށާއި، މުޅި ދަތުރު ގުޅިފައި އޮންނާނީ ވެސް ކާމިޔާބާ ކަމަށް ފުއެންޓޭ ބުންޏެވެ. މަސައްކަތާއި، ހިތްވަރާއި، ކެރުންތެރިކަމާއެކު ކުރިއަށް ގޮސްފި ނަމަ، އެއްވެސް ކަމެއްގެ ފެއިލް ނުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

ފުއެންޓޭ ބުނީ ފްރާންސް އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށެވެ. ޚާއްސަކޮށް ސެމީ ފައިނަލަށް ނިކުންނައިރު، ފްރާންސް އިން ވެސް ވަރަށް ބޮޑަށް ކަންކަމަށް ސަމާލުކަން ދޭނެ ކަމަށާއި، ކަންކަން ރަނގަޅުކޮށް، އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ. އެހެންކަމުން ފްރާންސްއާ ދެކޮޅަށް ކުޅެން ޖެހޭނީ އިތުރަށް ސަމާލުވެ ތިބެގެން ކަމަށާއި، ފްރާންސް ބަލި ކުރަން އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، ސްޕެއިން މިވަގުތު އޮތް ފޯމާއި، ކުޅުންތެރިންގެ ހިތްވަރަށް ބަލާއިރު، އޭނާ ހާސްވަން ޖެހޭ ކަމެއް ނެތް ކަމަށް ފުއެންޓޭ ބުންޏެވެ. ބައެއް ކުޅުންތެރިންނަށް ފްރާންސްއާ ދެކޮޅަށް ނުކުޅެވުނު ނަމަވެސް، އެ ޙާލަތަށް ވެސް ތައްޔާރުވާން މަސައްކަތް ކޮށްފައިވާނެ ކަމަށް ފުއެންޓޭ ބުންޏެވެ. ކުޅުންތެރިން ލައްވާ ކުޅުވަން ބޭނުން ވަނީ ވެސް، އެމީހުންނަށް އެންމެ ރަނގަޅަށް ކުޅެވޭ މަޤާމުތަކަށް ކަމަށް ފުއެންޓޭ ވަނީ ބުނެފަ އެވެ. އަދި ކޮންމެ ކުޅުންތެރިޔަކަށް ވެސް، އެމީހެއްގެ މަޤާމުގައި ކުރަން ޖެހޭ މަސައްކަތް ސާފު ވާނެ ކަަމަށް ފުއެންޓޭ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ އަމާޒަކީ މިއަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމެވެ. ސްޕެއިންގެ ކޯޗަކަށް ފުއެންޓޭ ހަމަޖައްސައި، އޭނާއާ ހަވާލުރި އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް އެއީ އެވެ. ފުއެންޓޭ ހަވާލުވީ ފަހުން ސްޕެއިން އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، ސްޕެއިން އަކީ މިއަހަރުގެ ޔޫރޯ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ވެސް ހިމެނޭ ޓީމެކެވެ.

- ކޮމެންޓް