Advertisement
ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 18:57
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި މީހުންތައް ފުލުހުންގެ ވެހިކަލްއަށް އަރުވަނީ
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި މީހުންތައް ފުލުހުންގެ ވެހިކަލްއަށް އަރުވަނީ
އިމިގްރޭޝަން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން
ދެ މާރުކޭޓަކުން އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި
މި އޮޕަރޭޝަންގައި 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ދެ މާރުކޭޓަކުން އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އާދީއްތަ ދުވަހުގެ ރޭ ވަނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 04 ބިދޭސީ ފިރިހެނަކާއި 02 ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުން އަންނަ 4 ތަނެއް ބަލައި ފާސްކޮށް ޖުމްލަ 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާންނަގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޖުލައި 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނެއެވެ.

މި ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ، 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

މީގެ އިތުރުން މާލޭގެ ޑޮލަރު އޭޓީއެމްތައް ކައިރީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އެ އޮޕަރޭޝަންގެ ތެރެއިން ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ދެ ބިދޭސީން އަތުލައިގެންފައިވެއެވެ.

މި ދެ ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ މީހުން ހައްޔަރުކުރި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ބޭނުމުގައި ކަމަށާއި އެއީ، ބާބުލް މިއާ ނަމަކަށް ކިޔާ މީހަކާއި މުހައްމަދު މޮކްޗަންދަލީ ނަމަކަށް ކިޔާ މީހެކެވެ. އެ ދެ މީހުންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުންނެވެ.

މީގެ އިތުރުން ފުލުހުންގެ އެހީތެރިކަމާ އެކު އިމިގްރޭޝަނުން މާޗު މަހުގެ 9ވަނަ ދުވަހުގައިވެސް ޑޮލަރުގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް