ލޭނު މަސްވެރިކަން ކުރުމާއި ގުޅޭގޮތުން ބިގްފިޝް އިން މިނިސްޓަރު ޝިޔާމާއި މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ނިމިގެންދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފިޝަރީޒް މިނިސްޓްރީގައެވެ.
ރާއްޖޭގައި ކަންނެލި އެކްސްޕޯޓް ކުރުމުގައި ހަރަކާތްތެރިވާ ބިގްފިޝްއާ ބައްދަލުކުރައްވާ މިނިސްޓަރު ޝިޔާމް ކުރެއްވި މަޝްވަރާގައި ވަނީ މަސްވެރިންގެ ކޯޓާ އިތުރުކުރެވިދާނެކަމާއި ނަމަވެސް ގަވައިދާ ހިލާފު ބިދޭސީން ދޯނިތަކުގައި އުޅުން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ބިގްފިޝްގެ ސީއީއޯ ޝާފިން އަހުމަދު ރާއްޖެއިން ބޮޑެތި ކަންނެލި ލިބުން މަދުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގަނޑުކުރި މަހުގެ ގޮތުގައި މަސް ބޭރު ނުކުރެވޭކަމަށެވެ. އަދި ކުދި ކަންނެލި މަސްވެރިންގެ އަތުން ނުނެގުމުން މަސްވެރިންނަށް ގެއްލުންވާނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝާފިން ވަނީ ކަންނެލި ގަތުމަށް އެ ކުންފުންޏަށް ހުރި ދަތިތައްވެސް ހިއްސާކުރައްވައިފައެވެ. އަދި ލޭނު މަސްވެރިކަމުން ލިބޭ އާމްދަނީ މާ ރަގަނޅުވާނެކަމާއި މަހުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށް ވިދާޅުވެ މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ސަރުކާރަށް 7 މަސް ވެގެން ދިޔަ އިރު، ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން ވަނީ މަސްދޯނިތަކުގައި ނުކުމެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.
މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު އިސްވެ ހުންނަވާ ލޭނު މަސްވެރިކަމާއި ގުޅޭމަޝްވަރާތަކެއް ކުންފުނިތަކާއިއެކު ކޮށްފައިވާއިރު، އެކަމާއި ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިން ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާވެސް ކޮށްފައެވެ.