ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 09:47
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ޓީމުގެ ބައެއް ކުޅުންތެރިންނާއެކު
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ޓީމުގެ ބައެއް ކުޅުންތެރިންނާއެކު
ރޮއިޓާރސް
ޔޫރޯ 2024
ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް
ފްރާންސް އިން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސް، މެނޭޖު ކުރެވޭނެ ހަމައެކަނި ގޮތަކީ ވެސް ލަނޑު ޖެހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ފްރާންސް ޤައުމީ ޓީމުގައި މަދު ވަނީ ހަަމައެކަނި ލަނޑު ޖެހުން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

އޭނާ މިހެން ބުނީ މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލާ ދެކޮޅަށް ފްރާންސް ކުޅުނު މެޗަށްފަހު އެވެ. ޕެނަލްޓީ ގައި ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައި ފްރާންސް އިން ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަަށަވަރު ކޮށްފަ އެވެ.

ޑެޝޯމްޕްސް ބުނީ، ފްރާންސް އިން ގިނަ ލަނޑުތަކެއް ޖަހަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފްރާންސް އިން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސް، މެނޭޖު ކުރެވޭނެ ހަމައެކަނި ގޮތަކީ ވެސް ލަނޑު ޖެހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ ފްރާންސް އޮތީ "އޯގާތެރި" ވާން ޖެހޭ ޙާލަތެއްގައި ނޫން ކަމަށެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ މިހާތަނަށް މުބާރާތުގައި ފްރާންސް ކުޅެފައިވާ މެޗުތަކަށް ބަލާއިރު، އެ ޓީމުން ދައްކާފައި ވަނީ ރަނގަޅު ކުޅުމެއް ކަމަށެވެ. އެހެން ނަމަވެސް، ލަނޑު ޖެހުމުގައި ފްރާންސް އަށް ދަތިތަކެއް ކުރިމަތިވާކަން އޭނާ ވެސް ޤަބޫލު ކުރެ އެވެ. ޚާއްސަކޮށް މުބާރާތުގެ އެންމެ ފަހު ހިސާބަށް ދާއިރު، އަދި ވެސް އެކަމަށް ޙައްލެއް ނުގެނެވޭ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް ޤަބޫލު ކުރާ ގޮތުގައި ޔޫރޯ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ފްރާންސް ދިޔުމަކީ ވެސް ބޮޑު ކާމިޔާބެކެވެ. ޚާއްސަކޮށް މުބާރާތުގެ އެހިސާބަށް ފްރާންސް ދާނެ ކަަމަށް ޤަބޫލު ކުރީ ވެސް މަދު ބަޔަކު ކަމަށާއި، ނަމަވެސް އެހިސާބަށް ދެވިފައި ވަނީ ކުޅުންތެރިންގެ މަަސައްކަތުން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ފްރާންސްގެ ކުޅުންތެރިންނާމެދު އޭނާ އަބަދު ވެސް ފަޚުރުވެރިވާނެ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

އެހެން ނަމަވެސް، ހުރިހާ ކަމެއް ދަނީ ފްރާންސް އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. އޭނާ ބުނީ މަސައްކަތް ކުރަމުން ދަނީ ލިބިފައިވާ ވަގުތަށް ކަންކަން ފައްތައިގެން ކަމަށާއި، އެ ވަގުތުގެ ތެރޭގައި ކަންކަން ރަނގަޅު ކުރަން ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ. އެހެންކަމުން މުބާރާތުގެ ސެމީ ފައިނަލަށް ނިކުންނައިރު، ރަނގަޅު ކުރަން ހުރި ކަންކަމަށް އަދި ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ކުޅެފައިވާ ފްރާންސް އިން ވަނީ، 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ކާމިޔާބު ނުކުރެވި އޮތީ ޔޫރޯ އެވެ. އެހެންވެ، ފްރާންސް އިން އަންނަނީ މިއަހަރުގެ ޔޫރޯ ކާމިޔާބު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް