ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 11:01
ގާޒާގެ އެތައް މިތަނުން ގެދޮރު ގެއްލޭ މީހުންނާއި، ގެދޮރު ދޫކުރަން މަޖުބޫރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ގާޒާގެ އެތައް މިތަނުން ގެދޮރު ގެއްލޭ މީހުންނާއި، ގެދޮރު ދޫކުރަން މަޖުބޫރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހުކުރު ދުވަހު ގާޒާގައި އިތުރު 27 މަރު، 2 ނޫސްވެރިން ހިމެނޭ
ގާޒާގެ އެކި ސަރަހައްދު ތަކުގެ އިތުރުން ހުކުރު ދުވަހު ހުޅަނގު އައްސޭރީގެ ޖެނީން ގައި ވެސް ޔަހޫދީ ސިފައިންގެ އުދުވާނީ ހަމަލާ ތައް ފަލަސްތީން ރައްޔިތުންނަށް ކުރިމަތިވި އެވެ. މަރުވާ މީހުންގެ އަދަދު މައްޗަށް ދާއިރު ގެދޮރު ގެއްލި މަގުމަތިވާ މީހުންގެ އަދަދުވެސް އިންތިހާ އަށް ދަނީ މަތިވަމުންނެވެ.

ހުކުރު ދުވަހު ގާޒާ ގައި ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި 27 ފަލަސްތީން މީހުން ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި ފަލަސްތީނުގެ ދެ ނޫސްވެރިން ހިމެނޭ ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާ ދީ އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ޔަހުދީ ސިފައިންގެ އަނިޔާވެރި ހަމަލާތައް އިތުރު ވުމުގެ ސަބަބުން ޚާން ޔޫނިސް ގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސް އަށް ނުއުފުލޭ ވަރަށް ފަރުވާ ދޭން ޖެހޭ މީހުން އެ ހޮސްޕިޓަލަށް ގެންނަމުން ދާ ކަމަށް ޑޮކްޓާރސް ވިތައުޓް ބޯޑާސް އިން ވަނީ ހާމަ ކޮށްފައެވެ.

އަނެއްކޮޅުން، ގާޒާގެ އެތައް މިތަނުން ގެދޮރު ގެއްލޭ މީހުންނާއި، ގެދޮރު ދޫކުރަން މަޖުބޫރުވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، އެ ގޮތުން ހާލުގައި ޖެހޭ މީހުންގެ އަދަދު އެތައް ހާހަކަށް އަރައިގެން ދާއިރު، އެމީހުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހަލާތާ މެދު ޔޫއެން އެޖޭންސީ ފޯ ޕެލެސްޓީނިއަން ރެފިއުޖީސް ވެރިޔާ ފިލިއްޕޭ ލަޒަރިނީ ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން އަށް އަރައިގެން އުޅޭ ޔަހޫދީ ސިފައިންގެ ހަމަލާ ތަކުގައި މަރުވި މީހުންގެ އަދަދު ހަތަކަށް އަރާފައިވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ. ޖެނިންގެ އެކި ހިސާބުތަކުގައި އާންމުގެ ގެދޮރު ބަލައި ފަލަސްތީން މީހުންނަށް އެކި ބާވަތުގެ ފުރައްސާރަ އާއި ބިރު ދެއްކުމުގެ އޮޕަރޭޝް ޔަހޫދީ ސިފައިން ގެންދަނީ ކުރިއަށެވެ.

ފަލަސްތީންގެ ހަމާސް ޖަމާއަތުން ހަނގުރާމަ އަށް ނިމުމެއް ގެނައުމުގެ މަގްސަދުގައި، ގަތަރު މެދުވެރި ކޮށް އިޒްރޭލަށް ހުށަހެޅި ހުށަހެޅުމަށް މަޝްވަރާ ކުރުމަށް، އިޒްރޭލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ދޯހާ އަށް ކުރި ދަތުރު ނިންމާލައިފި ކަމަށްވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ. ދޯހާގައި ކުރިއަށް ދިޔަ މަޝްވަރާ ތަކާ ބެހޭ ގޮތުން އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވި ކަމަށް ޚަބަރު ތަކުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވޭ ކަންކަން އަދި އެބަހުރި ކަމަށާއި، އަންނަ ހަފްތާގައި މަޝްވަރާތައް އިތުރަށް ކުރިއަށް ދާނެ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާ އަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 38،011ށް އަރާފައެވެ. އެއާއެކު ޒަޚަމްވި މީހުންގެ އަދަދު 87،445ށް ވަނީ މައްޗަށް ގޮސްފައެވެ. ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި މަރުވެފައިވަނީ 1،139 އިޒްރޭލް މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް