ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެ ޓީމުގެ މައްޗަށް ކުރި ހޯދައި، ސްޕެއިން އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޖަރުމަނުގެ ސްޓަޓްގާޓް އެރީނާގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވީއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަުގުތުގެ ދެ ހާފުގައި ލަނޑު ޖަހައިގެންނެވެ.
ޖަރުމަނާ ދެކޮޅަށް އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސްޕެއިން އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަަގައިދިނީ ޑެނީ އަޮލްމޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލަމީން ޔަމަލް އެވެ.
ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޔޯޝުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްލޯރިއަން ވާޓްޒް އެވެ.
މެޗުގެ އިތުރުން ވަގުތުގައި ޖަރުމަނުން ވަނީ އިތުރު ލަނޑެއް ޖެހުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. މެޗުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މިކޭލް މެރީނޯ ޖެހި ލަނޑުންނެވެ. އޭނާ އެ ލަނޑު ޖެހީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ސްޕެއިން އަކީ މިއަހަރުގެ ޔޫރޯގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ޓީމެވެ. އެ ޓީމުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރުން، ގަދަ 16 ވަނަ ބުރު އަދި ކުއާޓާ ފައިނަލްގެ މެޗުން ވެސް މޮޅުވެފަ އެވެ. ފަސް މެޗުން ވެސް މޮޅުވެ ސްޕެއިން ސެމީ ފައިނަލަށް ދިޔައިރު، ސެމީ ފައިނަލްގައި އެ ޓީމު ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.