ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 10:34
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީގެ ހަރުގޭގައި  "ކުރީ ސަރުކާރު، ކުރީ ސަރުކާރު" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީގެ ހަރުގޭގައި "ކުރީ ސަރުކާރު، ކުރީ ސަރުކާރު" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
އެމްޑީޕީ
މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް
އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ މިއަދުވެސް މަސް ކިލޯ އެއްގެ އަގު ހުންނާނީ 25 ރުފިޔާގައި - މައުރޫފް
ވެރިކަމަށް އަންނަން "ހޮޅި" ވައުދު ވިޔަސް އެ ވައުދުގައި ނުޖެހެން ވިސްނަން ޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ
މި ވެރިކަމަށް 7 މަސް ނުވަނީސް މަސްވެރިންނަށް ހިތި ބޭސް ބޯން ދީފައިވާ ކަމަށް މައުރޫފް ވިދާޅުވި
ސަރުކާރުން ބޮޑު ކަންނެލީގެ އަގު 45 ރުފިޔާ އަށް ވައްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި

އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ މިއަދުވެސް މަސް ކިލޯ އެއްގެ އަގު ހުންނާނީ 25 ރުފިޔާގައި ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި "ކުރީ ސަރުކާރު، ކުރީ ސަރުކާރު" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގައި ވެސް އިސްކޮށް ހަރަކާތްތެރިވާ މައުރޫފް ވަނީ މި ސަރުކާރުން މަސްވެރިންނާއި މެދު ޢަމަލުކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެރިކަން ފެށުނީއްސުރެ ނިމެންދެން ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތާ 2 މަސް ދުވަސްވެގެން، 10 ދުވަސް ވަންދެން މަސްވެރިން މުޒާހަރާކުރަން ޖެހުނު ވާހަކަ އަޑު އިވިފައި ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ވެރިކަމުގައި މުސާރަ އާއި އިނާޔަތާއި ނުލިބިގެން ދަރިންނަށް ކާންދޭނެ ގޮތެއް ނެތިފައި ހުރި މަސައްކަތްތެރި އެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއި ޚިލާފަށް މި ސަރުކާރު ވެރިކަމަށް އައިސް، މި 7 މަސް ދުވަހުގެ ތެރޭގައި ކަންކަން ކުރާ ގޮތުން ރައްޔިތުންނަށް ލިބެނީ މާޔޫސްކަން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ވެރިކަމަށް 7 މަސް ނުވަނީސް މަސްވެރިންނަށް ހިތި ބޭސް ބޯން ދީފައިވާ ކަމަށާއ، ދެން ދިމާކުރާނީ ކޮންމެވެސް އެހެން ބަޔަކާއި ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް ވަނީ ނިމިދިޔަ ސަރުކާރުން މަސް ކިލޯ އެއްގެ އަގު 25 އަށް ހެދީ ދިރާސާކުރުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ. މިއަދު މަހުގެ އަގު މި ސަރުކާރުން ވައްޓާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިން ތިބީ ރޯން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ރާއްޖޭގެ މަސްވެރިން ތިބީ މާޔޫސްވެފައި. ތިމަންނާމެންނަށް މި ކުރެވުނު ކަމާއި ދޭތެރޭގައި ފިކުރުކޮށް ކޮންމެ ދުވަހަކު މަސްވެރިން އެބަ ގުޅާ މި ހެދުނީ ގޯހެކޭ. އޭރު ވެސް މަސްވެރިން ކައިރީގައި ބުނިން ފެލިވަރުގައި ކޫއްޑޫގައި މަސްވެރިންނަށް ރަނގަޅު ޕްރޮޖެކްޓްތަކަށް މަސައްކަތް ކުރަމުންނޭ އެމްޑީޕީން ދިޔައީ. ވެރިކަން ނިންމާލީ 25 ކިލޯ އަށް މަސް ހަދާފައި. މިއަދު މިބުނަނީ ނުދެވޭ ވަރުގެ އަގެކޭ. ވެރިކަން އަޅުގަނޑުމެންނަށް ދިން ނަމަ މިއަދުވެސް މަސް ކިލޯ އެއްގެ އަގު ހުންނާނީ 25 ރުފިޔާގައި.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމަށް އައިސް ވެރިކަން ނިންމާލީ، އެމްޑީޕީން ވީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ވެރިކަމަށް 7 މަސް ފުރިގެން ދިޔަ އިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުނީ ކިހާ މިންވަރަކަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން މި ދެ ވެރިކަމުގެ ތަފާތު އަޅާކިޔާލުން މުހިންމު ކަމަށް މައުރޫފް ވިދާޅުވިއެވެ. ވެރިކަމަށް އައުމަށް ރައީސް މުއިއްޒު ވެވަޑައިގަތީ ހޮޅި ވައުދުކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން މައުރޫފް ވަނީ މަޖިލީހުގެ އަޢުލަބިއްޔަތު ނެތަސް ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ވަކާލާތުކުރުން އެމްޑީޕީ އިން ދޫކޮށް ނުލާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ވަކާލާތުކޮށް ބައެއް ކަންކަމުގައި ކުރިއެރުން ލިބިފައިވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިސްނަގައިގެން ދާދިފަހުން ބޭއްވި މުޒާހަރާ އާއި މެދު ވެސް އޭނާ ވަނީ ވާހަކަދައްކަވާފައެވެ. އެ މުޒާހަރާ ފުރަތަމަ ކުރީ ހުޅުމާލެގައެވެ. އެ ދުވަހުވެސް މަސްވެރިންގެ އަޑު ސަރުކާރުން އަހާފައި ނުވާ ކަމަށާއި މަސްވެރިން އެއް ނަމްބަރު ފާލަމަށް ބަނދަރުކޮށް މުޒާހަރާ ކުރަން މަޖުބޫރުވީ ސަރުކާރުން މަސްވެރިންގެ އަޑު ނޭހުމުން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ އައުލަބިއްޔަތު ނެތް ނަމަވެސް، އެ މުޒާހަރާ ނިންމާލީ 15 ރުފިޔާ އަށް ހުރި ޑީސަލް ލީޓަރުގެ އަގު 13 ރުފިޔާ އަށް ކުޑަ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއީ ރައްޔިތުން އެކުގައި ތިބި ނަމަ އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި މަދުން ތިއްބަސް ހައްގުތައް ހޯދުމުގައި ކާމިޔާބުވާނެކަމުގެ ހެއްކެއް ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ 80-100 ރުފިޔާ އާއި ދެމެދުގެ އަގަކަށް ބޮޑު ކަންނެލީގެ އަގު ބަދަލުކުރާނެ ކަމަށް ވައުދުވެގެން ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ބޮޑު ކަންނެލީގެ އަގު 45 ރުފިޔާ އަށް ވައްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމަ ވެރިކަމަށް އަންނަން "ހޮޅި" ވައުދު ވިޔަސް އެ ވައުދުގައި ނުޖެހެން ވިސްނަން ޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
- ގުޅުންހުރި