ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯ އެވެ. އޭނާ އެ ލަނޑު ޖެހީ ޒަވީ ސިމޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ގަކްޕޯ ދެ ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ނިންމީ އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައި ނުގަތުމަށެވެ.
އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖެހީ ޑޮންޔެލް މާލެން އެވެ. އެއީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ނެދަލެންޑްސްގެ ތިން ވަނަ ލަނޑު ޖެހީ ވެސް މާލެން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަސް ހޮވުނީ ގަކްޕޯ އެވެ.
މިއީ 16 އަހަރަށްފަހު، ނެދަލެންޑްސް މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދި ފުރަތަމަ ފަަހަރެވެ. އެންމެ ފަހުން ނެދަލެންޑްސް އަށް މުބާރާތުގެ ކުއާޓާ ފައިނަލް އިން ފުރުސަތު ލިބުނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އޮތް މުބާރާތް ނިންމާލީ ގްރޫޕް ސްޓޭޖުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތް ކޮލިފައިނުވާއިރު، 2021 ވަނަ އަހަރު އޮތް މުބާރާތް ނިންމާލީ ގަދަ 16 ވަނަ ބުރާ ހަމައިންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސް ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ.