ރަސްފަންނު ސަރަހައްދުގައި ހަދާ ފްލެޓްތަކަށް ބުކިން ހެދުމުގެ ފުރުސަތު ދެ މަސް ފަހުން ހުޅުވާލާނެ ކަމަށް އެ މަޝްރޫޢު ހަވާލު ކޮށްފައިވާ ސިންގަޕޫރުގެ ކުންފުނިން ބުނެފިއެވެ.
ތާޖުއްދީން ސްކޫލުގެ ފަހަތުން އޮންނަ ފުޓްސަލް ދަނޑުން ފެށިގެން، ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ކޯޓާ ހަމައަށް އޮތް ސަރަހައްދުގައި މި މަޝްރޫއު ކުރިޔަށްދަނީ ހަތަރު އިމާރާތެއްގެ ގޮތުގައެވެ.
ރަސްފަންނު ސަރަހައްދުގައި 350 ފްލެޓްއާ އެކު ހަދާ 25 ބުރީގެ ހަތަރު ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ވެސް ކުރަމުން އަންނަ ސިންގަޕޫރުގެ ޗަންހުއާއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޑިޒައިނިން އާއި ކުރެހުމުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ މަސައްކަތައް ވެސް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ނިމި ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެޕާޓްމެންޓްތަކުގެ އަގު 25000 ޑޮލަރަށް އަރާނެ ކަމަށެވެ. އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ބިލްބޯޑުގައި އެކަމާ ބެހޭ މައުލޫމާތު ބޭނުން ނަމަ ގުޅާނެ ނަންބަރުތައް ޖަހާފައި ވެއެވެ.
އޮފިޝަލް ވިދާޅުވީ 25 ބުރީގެ ހަތަރު ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓްމެންޓާއި ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީ އެޕާޓްމެންޓް ހުންނާނެ ކަމަށެވެ. އަދި ސްކައި ވިލާ ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ފިހަރަ އާއި އޮފީސް ހެދުމަށް ވެސް ތަންތަން ކުއްޔަށް ދޫކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ރަސްފަންނު ސަރަހައްދުގައި، ހައި-އެންޑް ވޯޓާ ފްރަންޓް އެޕާޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރާ މިކްސްޑް ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން އެސަރަހައްދުގައި 350 ފްލެޓު އަޅާއިރު އޭގެ ތެރެއިން 120 ފްލެޓު ސަރުކާރަށް ލިބޭނެ ކަމަށެވެ.
ހައުސިންގް މިނިސްޓަރު ވިދާޅުވެފައި ވަނީ މި ހަތަރު އިމާރާތުގެ ފުރަތަމަ ހަތަރު ފަންގިފިލާ ބޭނުންކުރާނީ ޕާކިންގް ސްޕޭސްގެ ގޮތުގައި ކަމަށެވެ. އެގޮތުން، 500 ކާރާއި 300 ސައިކަލު ޕާކުކުރުމުގެ ޖާގަ އެތަނުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ފްލެޓުތަކުގެ އިތުރުން އެތަނުގައި ކޮމާޝަލް ފެސިލިޓީސް އާއި، ރީޓެއިލް އައުޓްލެޓުތަކާއި ކުލިވަރު ކުޅޭނެ ތަންތަން ވެސް ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
ސިންގަޕޫރުގެ ޗަންހުވާއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ނިންމަން ޖެހޭނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ. އެ ސަރަހައްދު ސާފުކޮށް ތަން ބަންދުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު މިހާރު ކުރިއަށް އެބަ ދެއެވެ.