ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 05:35
ޕޯޗުގަލްގެ ކީޕަރު ޕެނަލްޓީ މަތަ ކުރަނީ
ޕޯޗުގަލްގެ ކީޕަރު ޕެނަލްޓީ މަތަ ކުރަނީ
ޓްވިޓަރ
ޔޫރޯ 2024
މެޗުގައި ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު، ޕޯޗުގަލް ސަލާމަތް ކޮށްދިނީ ކީޕަރު
މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕޯޗުގަލް އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ވަނީ ރަނގަޅަށް ކުޅެފަ އެވެ. ފުރަތަމަ ހާފުގައި ވެސް ޕޯޗުގަލް އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ސްލޮވޭނިއާގެ ކުޅުންތެރިން ވަނީ ރަނގަޅަށް ޑިފެންސް ވެސް ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލް އަށް ލީޑު ނަގައިދޭން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ރޮނާާލްޑޯ އަށް ލިބުނު ފުރުސަތުތައް އޭނާ އަށް އެންމެ ރަނގަޅު ގޮތުގައި ނިންމާ ނުލެވުނެވެ.

ދެ ވަނަ ހާފުގައި ޕޯޗުގަލް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ސްލޮވޭނިއާގެ އޭރިޔާ ކައިރިން ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ އަށް ކުރި ފައުލަށް ވަނީ ހިލޭ ޖެހުމެއް ލިބިފަ އެވެ. ހިލޭ ޖެހުގައި ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ، ސްލޮވޭނިއާގެ ގޯލު ކީޕަރު އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވެސް ޕޯޗުގަލް އަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، ސްލޮވޭނިއާގެ ޑިފެންޑަރުން ވަނީ ބޯޅަތައް ހުއްޓުވުމުގައި ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. މެޗުގެ 61ވަނަ މިނެޓުގައި ޕޯޗުގަލްގެ ޑިފެންޑަރުން ކައިރިން ނައްޓައި، ސްލޮވޭނިއާގެ ބެންޖަމިން ސެސްކޯ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ރޮނާލްޑޯ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ސްލޮވޭނިއާގެ އޭރިޔާ ތެރެއިން ޑިފެންޑަރެއް ކައިރީ ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 90 މިނެޓު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ސްލޮވޭނިއާގެ އޭރިޔާ ތެރެއިން ޕޯޗުގަލްގެ ޑިއާގޯ ޖޮޓާ އަށް ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ކެޕްޓަން ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ، އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ސްލޮވޭނިއާ އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ޕޯޗުގަލްގެ ޕެޕޭ އަށް ހެދުނު ގޯހެއްގައި ސެސްކޯ އަށް ލިބުނު ބޯޅަ، ހުސްކޮށް ހުރެ އޭނާ ފޮނުވާލި ނަމަވެސް، ޕޯޗުގަލްގެ ކީޕަރު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ވެސް، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ޕޯޗުގަލްގެ ރޮނާލްޑޯ، ބްރޫނޯ ފެނާންޑޭސް އަދި ބެނާޑޯ ސިލްވާގެ ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ. ސްލޮވޭނިއާ ޖޮސިޕް އިލިސިޗް، ޖޫރް ބަލްކޮވެކް، ބެންޖަމިން ވާބިޗްގެ ޕެނަލްޓީ ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
ކޮމެންޓް