ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު އެކެއްގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ފަސް ލަނޑުގެ މޮޅެއް ހޯދައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ވެސް ޕޯޗުގަލް އިން ވަނީ ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ރަފައެލް ލިއާއޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނޫނޯ މެންޑޭސް އެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ އަށް މިނެޓު ފަހުން ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރޫނޯ ފެނާންޑޭސް ވަނީ ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު، 83 ވަނަ މިނެޓުގައި ޖެހީ ޕެޑްރޯ ނެޓޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮނާލްޑޯ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ޕޯޗުގަލް އިން ފަސް ލަނޑު ޖެހި ފަހުން، ޕޮލެންޑުގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ޖެހީ ޑޮމިނިކް މާކްޒުކް އެވެ.
މޮޅާއެކު ޕޯޗުގަލް އިން ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ޕޯޗުގަލް އަތުން ބަލިވި ޕޮލެންޑު އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.