ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު އެކެއްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާ އިން އެއްވަރު ކޮށްފި އެވެ.
ހޯމަ ދުވަހުގެ ރޭ ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 1-1ން އެއްވަރުވެގެންނެވެ. އެ މެޗާ ކުރިމަތިލީއިރު ވެސް ޕޯޗުގަލް އަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލް އިން ފުރުސަތު ލިބިފަ އެވެ. އެހެންވެ އެ މެޗުގައި ޕޯޗުގަލްގެ ފުރަތަަމަ 11ށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނައެވެ. އެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ ވެސް ޕޯޗުގަލް އިންނެވެ. ނަމަވެސް ކްރޮއޭޝިއާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ޔާއޯ ފެލިކްސް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވިޓީނިއާ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، 65 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އެވެ. އެއީ ކްރިސްޓިޖާން ޖަކިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މި ނަތީޖާ އާއެކު ޕޯޗުގަލް މި ގުރޫޕުގެ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރު މެޗުން ޕޯޗުގަލް މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ޕޯޗުގަލް އަތުން ހޯދި ޕޮއިންޓާ އެކު ކްރޮއޭޝިއާ އިން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން އަށް ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، ދެ މެޗު އެއްވަރުވެ އަދި އަނެއް ދެ މެޗުން ބަލިވެފަ އެވެ. މި ނަތީޖާ އާއެކު ކްރޮއޭޝިއާ އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ.