ފަރޯ އައިލެންޑްސް ކޮޅަށް ފަހަތުން އަރާ ޖެހި ތިން ގޯލާއެކު ހޯދި މޮޅުން ކްރޮއޭޝިއާ، އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްފި އެވެ.
މީގެ ކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
ހުކުރު ދުވަހުގެ ރޭ ރިޖެކާގައި ކުޅުނު މި މެޗުގައި، ފަރޯ އައިލެންޑްސް އިން ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި، އިނގިރޭސި ދަށް ޑިވިޝަނެއްގެ ކްލަބެއް ކަމަށްވާ ގްރިމްސްބީ ޓައުންގެ ކުޅުންތެރިޔާ ގެޒާ ޑޭވިޑް ޓޫރީ ކުރިއަށް ޖެހި ހަމަލާއެއްގައި ޖެހި ބޯޅަ ޑިފްލެކްޓް ވެގެން ގޯލަށް ވަދެ ފަރޯ އައިލެންޑްސް އަށް ލީޑު ހޯދައިދިނެވެ.
ނަމަވެސް ފަރޯ އައިލެންޑްސް އިން ނެގި ލީޑު ހިފެހެއްޓުނީ ވަރަށް ކުރު ވަގުތު ކޮޅަކަށެވެ. ހަތް މިނެޓް ފަހުން ކްރޮއޭޝިއާގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ވަނީ ވަރުގަދަ ޝޮޓަކުން ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދައި ކްރޮއޭޝިއާ އަށް ހަމަހަމަ ކޮށްދީފަ އެވެ.
ކްރޮއޭޝިއާ އިން ލީޑުނެގީ 57 ވަނަ މިނިޓްގައި ޕެޓާ މުސާ ޖެހި ގޯލުންނެވެ. މިއީ، 2023 ވަނަ އަަހަރުގެ ފަހުން އޭނާ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ކްރޮއޭޝިއާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގައި ނިކޮލަ ވްލަސިޗް އެވެ. މިއީ، އިވާން ޕެރިސިޗް ދިން ބޯޅައަކުން ވްލަސިޗް ޖެހި ގޯލެކެވެ.
މި ކާމިޔާބީއާއެކު ކްރޮއޭޝިއާ އަށް ވަނީ ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކް އަށް ވުރެ ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ.ޗެކް ރިޕަބްލިކް އަށް ވަނީ ޕްލޭއޮފް ޖާގަ ޔަގީން ވެފައެވެ. ފަރޯ އައިލެންޑްސް އަށް ވުރެ އެއް ޕޮއިންޓު ކުރީގައި އޮތް ޗެކް ރިޕަބްލިކް އަށް މި ޖާގަ ޔަގީންވީ ފަރޯ އައިލެންޑްސްގެ މެޗުތައް ނިމިފައިވާތީ އެވެ.
ކްރޮއޭޝިއާ އަކީ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމެކެވެ. ކްރޮއޭޝިއާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދިޔަ އިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ތިން ވަނަ ޖާގަ ހޯދި އެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް މި ޓީމުން ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށް ބެލެވެ އެވެ.