Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 18:43
މެޗަށްފަހު ނޯވޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗަށްފަހު ނޯވޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓަރސް
ފީފާ ވޯލްޑް ކަޕް
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ނޯވޭ އިން 28 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ އިޓަލީ އަތުން 4-1 އިން މޮޅުވެ، ކޮލިފައިންގެ ހުރިހާ މެޗެއްވެސް ކަމިޔާބު ކޮށްގެނެވެ. މި މެޗުގައި ހާލަންޑް ޖެހި 2 ގޯލާއެކު، އޭނާ ވަނީ މި ކޮލިފައިން ގައި ޖުމްލަ 16 ލަނޑު ޖަހާފައެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެ ރޭ އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން މޮޅުވެ، ނޯވޭ އިން 28 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ގްރޫޕް އައި ގައި ކުޅުނު މި މެޗުން ނޯވޭ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ އަށް މެޗުން ވެސް މޮޅުވެ ޖުމްލަ 24 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިޓަލީ އަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

މި މެޗުގެ 11 ވަނަ މިނިޓުގައި އިޓަލީގެ ޕިއޯ އެސްޕޮސީޓޯ ލަނޑެއް ޖަހާ އެ ޓީމަށް އުއްމީދެއް ގެނެސްދީފަ އެވެ. ނަމަވެސް، މި ލަނޑަށްފަހު ނޯވޭ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް، މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ނަގާފަ އެވެ.

ނޯވޭ އިން މި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި އެންޓޯނިއޯ ނޫސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި ނޯވޭ އިން ލީޑު ނަގާފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ މިނިޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ، އިޓަލީގެ ހުވަފެން ފުނޑުފުނޑު ކޮށްލާފަ އެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ހާލަންޑް ވަނީ ކޮލިފައިންގެ އަށް މެޗުގައި ޖުމްލަ 16 ލަނޑު ޖަހާފަ އެވެ.

ނޯވޭ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޖޯގެން ސްޓްރޭންޑް ލާސަން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނޯވޭ އިން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން، ވޯލްޑް ކަޕަށް ކޮލިފައިވާން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު، އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ މި ހޯދީ ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާ އިޓަލީގެ މައްޗަށް ކުރިހޯދައި، ކޮލިފައިން ގްރޫޕް އައިގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. މިއީ ނޯވޭގެ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިގެންދާނެ އުޖާލާ ބޮޑު ބާބެކެވެ.

އިޓަލީގެ ހާލަތު ބަލާއިރު، އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައިނުވެއެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ނޯތު މެސެޑޯނިއާ ކައިރިން 1-0 އިން ބަލިވުމުންނެވެ.

- ކޮމެންޓް