ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 10:43
ސްޕެއިންގެ ކޯޗު ފުއެންޓޭ
ސްޕެއިންގެ ކޯޗު ފުއެންޓޭ
ރޮއިޓާސް
ޔޫރޯ 2024
ނުވަ ލަނޑުން ވެސް ޖޯޖިއާ ބަލި ކުރެވުނީސް: ފުއެންޓޭ
ޚާއްސަކޮށް މެޗުގައި ޖޯޖިއާ އަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް، މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗު، ސްޕެއިން އަށް ނުވަ ލަނޑުން ވެސް ކާމިޔާބު ކުރެވުނީސް ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިން ކާމިޔާބު ކުރީ 4-1ންނެވެ. އެއީ މެޗުގައި ޖޯޖިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗުގައި ސްޕެއިން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސްކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، މެޗުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އޭނާ އާއި މުޅި ޓީމު ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. ޚާއްސަކޮށް ގަދަ 16 ވަނަ ބުރުގައި ސްޕެއިން އިން ދެއްކި ކުޅުމާއި، ކުޅުންތެރިންގެ މަސައްކަތަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މެޗުގައި ޖޯޖިއާ އިން ކައުންޓަ އެޓޭކުގައި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ސްޕެއިން އިން ވަރަށް ބޮޑަށް ހުށިޔާރުވެފައި ތިބި ކަމަށް އޭނާ ބުންޏެވެ. މެޗުގައި ސްޕެއިން ދެއްކި ކުޅުމަށް ބަލާއިރު، އަށް ލަނޑު ނުވަތަ ނުވަ ލަނޑުން ސްޕެއިން އަށް މެޗު ކާމިޔާބު ކުރެވުނީސް ކަމަށް ފުއެންޓޭ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް މެޗުގައި ޖޯޖިއާ އަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް، މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ، ސްޕެއިންް ޓީމަކީ ހުނަރުން ފުރިގެންވާ ޓީމެއް ކަމަށާއި، ޓީމުގައި ވަރަށް ބޮޑު އިތުބާރެއް އޮތް ކަމަށެވެ. މުބާރާތަށް ވިސްނާއިރު، ޓީމުގެ ޤާބިލު ކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ފުއެންޓޭ ބުންޏެވެ. މުބާރާތުގައި އޮތް އެހެން އެއްވެސް ޓީމަކަށް ދެރަ ބަހެއް ބުނަން ބޭނުން ނުވާ ކަމަށާއި، ސްޕެއިން އަކީ މުބާރާތުގައި އޮތް އެންމެ މޮޅު ޓީމު ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގަައި ސްޕެއިން ނިކުންނާނީ، މުބާރާތް ބާއްވާ ޤައުމު ޖަރުމަނާ ދެކޮޅަށެވެ. ޖަރުމަނު ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، އެ ޓީމަކީ ވެސް މޮޅު ޓީމެއް ކަމަށެވެ. ޚާއްސަކޮށް ދުނިޔޭގައި ތިބި މޮޅެތި ކުޅުންތެރިން ވެސް އެ ޓީމުގައި ހިމެނޭ ކަމަށް ފުއެންޓޭ ބުންޏެވެ. އެހެން ނަމަވެސް، ޖަރުމަނު ވެސް ވާދަކުރަން ޖެހޭނީ އެމީހުންނާ ދާދި އެއް ކަހަލަ ގޮތްތަކެއް އޮތް ޓީމަކާކަން ފާހަގަކޮށް ފުއެންޓޭ ބުނީ، ސްޕެއިން އޮތީ ކަންކަން ޙާސިލު ކުރަން ކެތްމަދުވެފައި ކަމަށެވެ.

ސްޕެއިން އަކީ މިއަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ އެއް ޓީމެވެ. ސްޕެއިން އިން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ސްޕެއިންގެ ކޯޗުކަމަށް ފުއެންޓޭ ހަމަޖައްސައި، އޭނާއާ ހަވާލު ކުރި އެންމެ ބޮޑު ޓާގެޓަކީ ސްޕެއިން އަށް މިއަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކޮށް ދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް