ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 13:24
އިޒްރޭލު ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގަވިއަރ
އިޒްރޭލު ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގަވިއަރ
ގެޓީ އިމޭޖަސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ބޮލަށް ބަޑި ޖަހާ މަރަން އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ގޮވާލައިފި
އިޒްރޭލުގެ ވަޒީރުގެ މި ގޮވާލުން ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ބަޔާނެއް ނެރެފައެވެ.

އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ބޮލަށް ބަޑިޖަހާ މަރަން އިޒްރޭލު ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރ ބެން-ގަވިއަރ ގޮވާލައިފިއެވެ.

އިޓަމާރ އާންމު ކުރި ވީޑީއޯ މެސެޖެއްގައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ގޮވާލައިފައިވަނީ، އެ ތަނުގެ ޖަލު ތަކުގައި ތިބި ފަލަސްތީނު މީހުން މަރަން ހުށަހަޅާފައިވާ ބިލް އަވަހަށް ފާސް ކޮށްދިނުމަށެވެ. އޭނާ ބުނެފައިވަނީ، އެ ގާނޫނު ފާސް ވަންދެން ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންނަށް ކާ އެތިކޮޅު ދޭނީ ކިރިޔާ ދުނިޔޭގައި ތިބެވޭ މިންވަރަށް ކަމަށެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކްނެސެޓަށް އިޓާމަރ އިޝާރާތް ކުރި ބިލް ގައި ހުށަހަޅާ، 2023 ގެ މާޗު މަހު ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. މި ބިލުގައިވާ ގޮތުން، އިޒްރޭލުގެ ދައުލަތައް ގެއްލުމެއް ލިބޭ ފަދަ ކަމެއް ރޭވުމަކީ މަރުގެ އަދަބު ހައްގުވާ ކަމެކެވެ.

އިޒްރޭލުގެ ވަޒީރުގެ މި ގޮވާލުން ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް ބަޔާނެއް ނެރެފައެވެ.

އާދިއްތަ ދުވަހު އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބެން-ގަވިއަރ ގެ އެ ވާހަކަ އިން، ޔަހޫދީންގެ ހުންނަ އަނިޔާވެރި ލޭ އޮހޮރުވުމުގެ ފިކުރު ހާމަ ވެގެންދާ ކަމަށެވެ.

ހުސްވި އޭޕްރީލް މަހުވެސް ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ބެން-ގަވިއަރ ވަނީ ހަމަ މި މޭރުމުން އަނިޔާވެރި ވާހަކަ ތަކެއް ކެބިނެޓް ގައި ދައްކާފައެވެ. އެ ފަހަރު އޭނާ ބުނެފައިވަނީ، އިޒްރޭލު ސިފައިން ފަލަސްތީނުން އެހާ ގިނަ މީހުން ހައްޔަރު ކޮށްގެން ގެނައުމުގެ ބަދަލުގައި އޭގެ ތެރެއިން ބައެއް މީހުން މަރާލަން ޖެހޭނެ ކަމަށެވެ.

"ކީއްކުރަން އެހާ ގިނަ މީހުން ހައްޔަރު ކުރަނީ، ބައެއް މީހުން މަރައެއް ނުލެވޭނެތަ؟ ދެން ބުނަން ތިޔަ އުޅެނީ އެ އެންމެން އަމާން ދެނީއޭ. ހައްޔަރު ކޮށްފައި ތިބި މިހާ ގިނަ މީހުންގެ ކޮން ބޭނުމެއް އޮތީ؟ އެއީ ސިފައިންނަށް ވެސް ބޮޑު ނުރައްކަލެއް." ބެން-ގަވިއަރ އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީ އަށް މުޚާތަބް ކޮށް އިޒްރޭލުގެ ބޮޑުވަޒީރުގެ ހަނގުރާމައިގެ ކެބިނެޓް ބައްދަލުވުމުގައި ބުނެފައިވެއެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައް ހާސް މީހުން ހައްޔަރު ކޮށްގެން ދަނީ ގެންގެޅެމުންނެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ ކުށެއް ވެސް ނެތި އެތައް ދުވަހަކު ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނު މީޙުންނަށް އަނިޔާ ކުރުމާއި، ފުރައްސާރަ ކުރުމާއި، ޖިންސީ ގޯނާ ކުރުމާއި، ގަދަ ކަމުން ޑްރަގް ބޭނުން ކުރުވުން ފަދަ ދަށު ދަރަޖައިގެ އަނިޔާވެރި އެތައް ކަމެއް ކުރަމުން އަންނަ ކަމަށްވެއެވެ. ޖަލުގައި ގެންގުޅޭ މީހުންނަށް ކާއެތިކޮޅު ދެނީވެސް އެމީހުން ކިރިޔާ ދިރި ދުނިޔޭގައި ތިބެވޭ މިންވަރަށް ކަމަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް