ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 09:50
ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް
ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް
މިހާރު
ފެނަކަ ކޯޕަރޭޝަން
ފެނަކައިން ހިންގާ އިންޖީނުގެ ތަކަށް ފަޔާ އެލާމް ސިސްޓަމް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
މައްސަލައާ ގުޅޭ ލިޔުންތައް ފެނަކައިން އޭސީސީއަށް ފޮނުވި
މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުން
އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އެންމެ ފުރަތަމަ ކުރިއަށް ދިޔަ ބިޑިން ޕްރޯސަސްއާ ގުޅިގެން

ފެނަކަ ކޯޕްރޭޝަން އިން ހިންގާ އިންޖީނުގެތަކަށް ފެޔާއެލާމް ސިސްޓަމްތައް ހޯދުމަށް ބިޑް ކުރުމުގެ މަރުހަލާގައި ކޮރޮޕްޝަނަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ފެނަކަ ކޯޕްރޭޝަން އިން ހިންގާ 150 އަށް ވުރެ ގިނަ އިންޖނުގެތަކަށް ފަޔާ އެލާމް ސިސްޓަމްތައް ހޯދުމަށް ކުރިއަށް ގެންދިޔަ ބިޑް ހުށަހެޅުމުގެ މަރުހަލާގައި ކޮރޮޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

އެ މައްސަލަ ނިމުނު ގޮތާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭސީސީ އެ މައްސަލަ ތަހުގީގުކޮށް ނިންމާފައި ވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މައްސަލަ ތަހުގީގުކޮށް ބެލިއިރު ފެނަކައިން ހިންގާ އިންޖީނުގެތަކަށް ފެޔާ އެލާމް ސިސްޓަމްތައް ހޯދުމަށް ކުރިއަށް ގެންދިޔަ ބިޑިން ޕްރޮސެސްގައި ކޮރޮޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާކަން ތަހުގާގަށް ސާބިތުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީ އިން މައްސަލަ ކުރިއަށް ގެންދިޔައިރު ބިޑިން ޕްރޮސެސް ކުރިއަށްދިޔަ ގޮތާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ފެނަކަ ކޯޕްރޭޝަން މެދުވެރިކޮށް އޭސީސީން ވަނީ ހޯދާފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ފަޔަރ އެލާމް ސިސްޓަމްތައް ހޯދުމަށް ފެނަކައިން ފުރަތަމަ ކުރި އިއުލާނަކީ އެމްއެންޑީއެފް އިން ދީފައިވާ މިންގަނޑުތަކަށް ނުފެތޭ އިއުލާނަކަށް ވާތީ ފުރަތަމަ ކުރި އިއުލާނާއި އަދި އެ އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް ވެސް ބާތިލް ކުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭގެ ފަހުން ދެވަނަ ފަހަރަށް އިއުލާން ކޮށްގެން ބަޔަކު ނެގުމަށް ފަހު ބިޑް އިވެލުއޭޝަން ބޯޑަށް ފޮނުވުމުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ބިޑް އިވެލުއޭޝަން ބޯޑުން ނިންމައި އަލުން ރީޓެންޑާ ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ބިޑް އިވެލުއޭޝަން ކޮމެޓީން އެންގި ގޮތަށް އަލުން އިއުލާން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފެނަކައިގެ އިންޖީނުގެތަކަށް ފަޔަރ އެލާމް ސިސްޓަމް ގަތުމަށް ބިޑްކުރި ގޮތާ ގުޅޭ ގޮތުން އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ އެންމެ ފުރަތަމަ ކުރި އިއުލާން ބާތިލް ކޮށްފައިވަނިކޮށެވެ. އަދި ޝަރީފް ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އޭސީސީން ފޮނުވުމަށް އެންގި ލިޔެކިޔުންތައް ފެނަކައިގެ ފަރާތުން އޭސީސީއަށް ފޮނުވި ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް