އެސްޓީއޯގެ ނަމުގައި ރީލޯޑް ކުރުމަޢި ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލު ވުމަށް އެސްޓީއޯއިން އެދެފި އެވެ.
އެސްޓީއޯއިން ބުނީ އެތަނުގެ ނަމުގައި އާންމުންގެ ފޯނު ނަމްބަރުތަކަށް ގުޅައި، ޕްރޮމޯޝަންގައި ބައިވެރިވުމަށް، ވަކި ފޯނު ނަމްބަރުތަކަކަށް ރީލޯޑްކޮށް، ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމުގެ މައުލޫމާތި ލިބިފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ ރީލޯޑް ކޮށްގެން އިނާމް ލިބޭ ފަދަ ޕްރޮމޯޝަނެއް އެއްްވެސް އިރެއްގައި އެސްޓީއޯއިން ނުހިންގާ ކަމަށެވެ.
އެހެންކަމުން، އެފަދަ ފޯން ކޯލްތަކަށް އާންމުން ސަމާލުވުމަށް އިލްތިމާސް ކުރާކަމަށް އެސްޓީއޯއިން ބުނެއެވެ.
Attention! pic.twitter.com/zH8sYdzQS9
— STO Plc (@sto_mkt) August 10, 2017
ރާއްޖޭގެ މަޝްހޫރު ކުންފުނިތައް، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެކިއެކި ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ރީލޯޑާއި ރާސްޓަސް އަދި ފައިސާ ހޯދަމުންދާކަން ދޭތެރެދޭތެރެއިން ފުލުހުން ވެސް ދަނީ އާންމުންނަށް އެކަން ހަނދާންކޮށްދެމުންނެވެ. އަދި އެފަދަ ކަންކަމަށް ސަމާލު ވުމަށް ވެސް ތަކުރާރުކޮށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.