ދާދި ފަހުން ނިޔާވި ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑް، އަލްމަރުޙޫމް މުޙައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.
އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. ބަކާ ނިޔާވެފައި ވަނީ ވަނީ ކުއްލި އަކަށް ހުންގަދަވެ އޭޑީކޭ ހޮސްޕިިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަކާގެ ހަށިގަނޑު ވަޅުލާފައި ވަނީ ބުދަ ދުވަހުގެ ފަތިހު އެވެ. ބަކާގެ ޖަނާޒާގައި ކުޅިވަރު އާއިލާގެ ގިނަ ފަރާތްތަކާއި، އާންމުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ބަކާގެ ހަނދާނުގައި ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ވަނީ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފަ އެވެ. ތައުޒިޔާގެ އެ ދަފްތަރު ހުޅުވައި ދެއްވީ ކުޅިވަރާއި ހަށިހެޔޮަކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. އެ ދަފްތަރުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންގެ އިތުރުން، ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިންނާއި، ދިވެހި ފުޓުބޯޅައިގެ ޚިދުމަތްތެރިންގެ އިތުރުން، އެކި އެކި ކޯޗުން ވެސް ވަނީ ސޮއި ކޮށްފަ އެވެ.
ބަކާހެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބަކާގެ އާއިލާގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ހުޅުވިފައިވާ ބަކާގެ ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރުން، މިހާރު ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ބަކާ ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ އިތުރުން، ގިނަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ. ރާއްޖެ އިން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރި ޓީމުގައި ވެސް ބަކާ ހިމެނެ އެވެ. އެ މުބާރާތުގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި ބަކާ ވަނީ މުހިންމު ދައުރެއް ވެސް އަދާ ކޮށްފަ އެވެ. ބަކާ އަކީ ރާއްޖޭގައި މިފަހުން އުފެދުނު އެންމެ މޮޅު އަދި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ.
ބަކާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ވިކްޓަރީ، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް ފަދަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ.