ކ. މާލެ
|
26 ޖޫން 2024 | ބުދަ 13:35
ރައީސް ސާލިޙު ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައި
ރައީސް ސާލިޙު ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައި
އެމްޑީޕީ
އެމްޑީޕީގެ އަހަރީ ދުވަސް
އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ
އިސްލާޙީ މަސައްކަތަށް ނުކުމެ، ޤައުމު ހަމަ މަގަށް އެޅުވުމަށް ޕާޓީގެ ލީޑަރޝިޕާއެކު ތެދުވަން މެމްބަރުން ތިބީ ތައްޔާރަށެވެ.

އެމްޑީޕީއަށް 19 އަހަރު ފުރިގެން ދާއިރު، އެޕާޓީން ވަނީ ޑިމަކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައެވެ. މީގެ އިތުރުން 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބާއި، 19 ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އަދި ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.

ޕާޓީއަށް 19 އަހަރު ފުރިގެންދާއިރު، އެމްޑީޕީން ބުނާ ގޮތުގައި އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށެވެ.

އަދި އެމްޑީޕީ އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރު ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ އިސް އެޑްވައިޒަރ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، އެމްޑީޕީއަށް 19 އަހަރު ފުރިގެންދާއިރު، އުފާވެރި އަދި ހިތްދަތި ދުވަސްތަކެއްވެސް ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ޙަޔާތުގައި އެފަދަ އެތައް ކަމެއް ތަޖުރިބާ ކުރަން ޖެހޭނެކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީއަށް އިންތިޚާބެއް ގެއްލިގެން ދިއުމަކީ އެމްޑީޕީގެ 19 އަހަރުގެ ދިގު މާޒީގައި ކަޑައްތުކުރި ގޮންޖެހުންތަކުގެ ތެރެއިން ގޮންޖެހުމެއް ކަމަށެވެ. އެއިން ކޮންމެ ފަހަރަކުވެސް ޕާޓީ ނަގައި ކޮޅަށް ޖެހުމަށް ޕާޓީގެ ލީޑަރޝިޕާއި އާންމު މެމްބަރުން މަސައްކަތް ކުރައްވާފައިވާކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

އެގޮތުގެ މަތިން މިހާރުވެސް ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ސާލިޙު ވިދާޅުވާ ގޮތުގައި އެއީ ޕާޓީ ރިފޯރމް ކުރުމުގެ މަސައްކަތްތަކެވެ.

އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި މި ފެށޭ ޖުލައި މަސް ތެރޭގައި އަމަލީ މަސައްކަތްތައް ތިބޭފުޅުންނަށް، އަޅުގަނޑުމެންގެ ޕާޓީގެ ބޭފުޅުންނަށް ފެނިގެންދާނެ، ހަމަ ރަނގަޅު މަސައްކަތްތަކެއް ފެންނާނެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް ސާލިޙު އިތުރަށް ވިދާޅުވީ، ޒަމާނާ އެއްގޮތަށް ޕާޓީގެ ހިންގުމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއަކީ ވަކި ފަރުދެއްގެ ބަދަލުގައި ނިޒާމެއްގެ ދަށުން ހިނގަމުންދާ އެއްޗަކަށް ވާން ޖެހޭކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެމްޑީޕީއާއެކު އެފެދިގެން ދިޔަ އެތައް ޕާޓީއެއް އުވިގެން ގޮސްފައިވީނަމަވެސް، ބަދަލުނުވެ އޮތް ފިކުރަކީ އެމްޑީޕީކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސިފަ ކުރައްވަނީ އުއްމީދީ ރަނގަޅު މަސައްކަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށެވެ.

ކޮންމެއަކަސް މިއީ ޕާޓީގެ އާންމު މެމްބަރުންނަށް އުއްމީދީ ވާހަކަތަކެކެވެ. ޕާޓީގެ އާންމު މެމްބަރުންވެސް ތިބީ ޤައުމު މިދާ މިސްރާބާމެދު ހިތްހަމަ ޖެހިގެންނެއް ނޫނެވެ. އިސްލާޙީ މަސައްކަތަށް ނުކުމެ، ޤައުމު ހަމަ މަގަށް އެޅުވުމަށް ޕާޓީގެ ލީޑަރޝިޕާއެކު ތެދުވަން މެމްބަރުން ތިބީ ތައްޔާރަށްކަމަށް އާންމު މެމްބަރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް