ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 18:06
އެމްއާރުޑީސީގެ ވެހިކަލްއެއް މެޑަމް އޮފީހުގެ ތަކެތި ބަދަލު ކުރުމުގެ މަސައްކަތުގައި
އެމްއާރުޑީސީގެ ވެހިކަލްއެއް މެޑަމް އޮފީހުގެ ތަކެތި ބަދަލު ކުރުމުގެ މަސައްކަތުގައި
ރާއްޖެއެމްވީ
ލީކުވި އޯޑިއޯ
އެމްއާރުޑީސީން ހިންގި ބޮޑު ޚިޔާނާތްތަކެއް ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެއްޖެ
ވެހިކަލް ގަތުމަށް ކުޑައަގެއް ހުށަހެޅި ކުންފުންޏަކަށް ވުރެ 41 މިލިއަން ރުފިޔާ ބޮޑު އަގަކަށް ބަޔަކަށް ހަވާލުކުރިކަމަށް ބުނޭ
އޯޑިއޯގައި ވާހަކަ ދައްކަވާ ކަމަށް ބެލެވެނީ އެކުންފުނީގެ ބޯޑުގެ ދެމެންބަރެއް
އެތަން އޮޑިޓް ކުރާ ފަރާތްތަކުންވެސް ނުބަލާ ކަމަށް އެބޭފުޅުން ވިދާޅުވޭ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ހިންގާފައިވާ  ޚިޔާނާތެއް ކަމަށް ބެލެވޭ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ މިއޯޑިއޯގައި ބެލެވޭ ގޮތުގައި އެއީ އެކުންފުންޏަށް ބޭނުންވާ ވެހިކަލްތަކެއް ގަނެދޭން ހެޔޮ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 2.7 މިލިއަން ޑޮލަރު ބޮޑު އަގެއް ހުށަހެޅި ކުންފުންޏަކަށް އެ މުއާމަލާތް ހަވާލުކުރި ކަމަށް ބެލެވޭ އޯޑިއޯއެކެވެ.

އެ އޯޑިއޯއިން އަޑުއިވޭ ގޮތުގައި  ތައިލެންޑުގެ ޕެރަގަން ނަމަކަށް ކިޔާ ކުންފުންޏަކާ، އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)ގެ މަޝްރޫއު ހަވާލުކުރީ އެންމެ ހެޔޮ އަގު ހުށަހެޅި ކުންފުންޏަށް ވުރެން 2.7 މިލިއަން ޑޮލަރު (41 މިލިއަަން ރުފިޔާ) ބޮޑު އަގެއްގަ އެވެ.

ވެހިކަލް ގަތުމުގައި ވެސް އެމްއާރުޑީސީން ޚިޔާނާތް ހިންގާފައިވާ ކަމަށް ފޯނުން ވާހަކަ ދައްކަވަނީ، އެ އޯޑިއޯ އިން އެނގޭ ގޮތުގައި، އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރެކެވެ.

އޯޑިއޯގައި އެ ޚިޔާނާތުގެ ވާހަކަ ފެށުނީ، އެމްއާރުޑީސީގެ ބޯޑު ބައްދަލުވުންތަކަށް ނުދަނީ ކީއްވެތޯ އެކަކު ސުވާލު ކުރެއްވުމުންނެވެ. ޖަވާބުގައި އަނެއް ބޭފުޅާ ވިދާޅުވަނީ، ކުންފުނީގެ ބޯޑުން ނިންމާ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުން ނުވާތީ ކަމަށެވެ. ވެހިކަލް ގަތުމަށް، އަވަސް އަރުވާލައިގެން ޕެރަގަންއާ ހަވާލުކުރީ ވެސް "ވަރަށް ގޯސް" ކޮށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަހަރެން ލައްވައި ނުވެސް އެނގޭ އެއްޗެހީގައި ސޮއިކުރުވަނީ. ..ކިތަންމެ އެއްޗެއް އެގޮތަށް ގޮސްފި މިހާރު. ނިކުމެ ނިކުމެ އޮއްވައި ވެސް ދަށަށް އެއްޗެހި ލާފައި، ޑަންލާފައި ބުނެދާނެ މީގައި ސޮއިކޮށްލާށޭ މިއީ ވެސް އެއްކަލަ ތަނުން އެއްޗެކޭ. މިހާރު އެކަންތައްގަނޑު ވެސް މާ ބޮޑީ. އެކައްޗެއް އެބަ ފޮނުވާ ތިން ހަތަރު ފަހަރު، ރަނގަޅު ކޮށްފައި،" ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާން ބޭނުންނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވެ އެވެ.

ވެހިކަލް ގަތުމަށް ޕެރަގަންއާ ހަވާލުކުރަން ނިންމި، ބޯޑު ބައްދަލުވުމަށް އޭނާ ވަޑައިނުގަތީ ގަސްތުގައި ކަމަށް ވެސް ވިދާޅުވި އެވެ. އެ މެމްބަރު އެގޮތަށް ވިދާޅުވުމާ އެކު އެކުންފުނީގެ ބޯޑުގެ ބޭފުޅެއް ކަމަށް ބެލެވޭ އަނެއް ބޭފުޅާ އޭނާއަށްވެސް އެކަން އެނގިފައި ނުވާކަމަށް ވިދާޅުވެއެވެ.

ވެހިކަލް ގަންނަން ބަޔަކާ ހަވާލުކުރީ އިއުލާން ކުރުމެއް ވެސް އަދި ބިޑް ކުރުމެއް ނެތި ކަމަށާއި އެ ކަންކަމާ ގުޅޭ ގޮތުން ސުވާލު އަންނާނެ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ވެސް ފާޅުކުރަވަ އެވެ. އެމްއާރުޑީސީ މެދުވެރިކޮށް މި ގޮތަށް ޚިޔާނާތް ހިންގައިގެން ފައިދާ ނަގަން ބޭނުންވަނީ އެހެން ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ އަގުހެޔޮ މީހުންނާ، މި މީހުން [ޕެރަގަން] އާ ދޭތެރޭގައި ތަފާތު އެބަ އޮތް 2.7 މިލިއަން ޑޮލަރު. [އެ ތަފާތު] އުޅޭއިރުގައި، ޕްލަސް އެ ވަރު ބޮޑު ކަމެއް ނިމުނުއިރު އެމްއާރުޑީސީގެ ޓޮޕް ލެވެލް މެނޭޖްމަންޓާ ޑިސްކަސް ކުރެވިފައެއް ވެސް ނެތް،" އޭނާ ވިދާޅުވެ އެވެ.

އެމްއާރުޑީސީން ޚިޔާނާތަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަނީ، ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅަކު އަންގަވައިގެން ކަމަށާއި އެފަދަ އެއްބަސްވުންތަކުގެ ފައިދާ ވެސް ލިބެނީ ވަކި ބަޔަކަށް ކަމަށް އެ އޯޑިއޯގައި ތުހުމަތުކުރެ އެވެ. އެގޮތުން އޯޑިއޯއިން އިވޭ ގޮތުގައި މެޑަމްގެ އޮފީހުން ކަމަށް ބުނެ މީހަކު ގުޅިކަމަށްވެސް އޭގެ ތެރެއިން އެކަކު ބުނެއެވެ.

"ވަރަށް އެހެން ކަހަލަ މީހެއް މަށަށް ގުޅީ. މަށަށް މި ގުޅީ ވަރަށް ރީތި ނަމްބަރ އަކުން އަންހެނެއް. ބުނީ މިއީ ރަހުމާ ކިޔާ މީހެކޭ މިގުޅާލީ މެޑަމް އޮފީހުންނޭ" އެއްބޭފުޅަކު ވިދާޅުވެއެވެ.

އެމްއެމްއާރުޑީސީގައި އޮޑިޓް ކޮމެޓީއެއް އޮންނައިރު ވެސް އެތަނުގައި ތިއްބަވާ ބޭފުޅުން "ތަނެއް ދޮރެއް ނުބަލާ" ކަމުގެ ތުހުމަތު ވެސް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ކުރެއްވި އެވެ. ވެހިކަލްތައް ގެނައުމުގެ އެއްބަސްވުން ހަވާލުކުރީ ވެސް އެއްވެސް ވަރަކަށް ނުބަލައި ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް