ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 09:09
މެޗުގައި ލަނޑު ޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަސް
ޔޫރޯ 2024
ތުރުކީ ބަލިކޮށް، ޕޯޗުގަލް ގަދަ 16 އަށް
މޮޅާއެކު ޕޯޗުގަލް އިން ގަދަ 16 އިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެން.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕޯޗުގަލް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފި އެވެ.

ގްރޫޕް އެފް ގައި ހޮނިހިރު ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރިއިރު، ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެހެންވެ މި މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 އިން ޖާގަ ޔަގީން ވާނެ އެވެ.

މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޕޯޗުގަލްގެ ލީޑު ފުޅާވީ ތުރުކީގެ ޑިފެންޑަރު ސާމިތު އަކައިދިން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ. ފަހު ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ.

މޮޅާއެކު ޕޯޗުގަލް އިން ގަދަ 16 އިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން ތިން ޕޮއިންޓާއެކު ތުރުކީ ދެ ވަނައިގައި އޮތް އިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކް ބަލިކޮށް، ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެ އެވެ. ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ ޖޯޖިއާއާ ދެކޮޅަށެވެ.

- ކޮމެންޓް