އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް، އެ ތަނުގެ ހިންގުން އާ މީހަކާއި ހަވާލުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ހުކުރު ދުވަހުން ފެށިގެން އައްޑޫ އަތޮޅުގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ. ހޮނިހިރު ދުވަހު މަސްވެރިން މުޒާހަރާކުރީ އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. އެކަމާއި ގުޅޭގޮތުން ނާޒިލް ވިދާޅުވީ، މަސްވެރިން ހުކުރު ދުވަހުން ފެށިގެން މުޒާހަރާކުރި ނަމަވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެއްވެސް ވެރިއެއްގެ ފަރާތުން މަސްވެރިންނަށް ޖަވާބެއް ނުލިބޭ ކަމަށެވެ. ނާޒިލް ވިދާޅުވީ އައްޑޫ މަސްފެކްޓްރީ އާއި ހަވާލުވެ ހުރި މީހާ މަޤާމުން އެކަހެރި ކުރީ މަސްވެރިންގެ ހައްގުގައި އޭނާ ވަކާލާތުކުރާތީ ކަމަށެވެ. އެތަނަށް އައްޔަން ކުރި އާ މީހާ ވީތަނެއް ވެސް މަސްވެރިންނަށް ނޭނގޭ ކަމަށް ފާހަގަކުރައްވާ ނާޒިލް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މަސްވެރިންގެ މުޒާހަރާ ކުރިއަށް ދިޔަ ނަމަވެސް ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާގެ ޚަބަރެއް އެއްވެސް ވަރަކަށް ނުވާ ކަމަށާއި މަސްވެރިންގެ އަޑު އަހާނެ މީހެއް މި ސަރުކާރުގައި ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުން ދޭން ޖެހޭ ފައިސާތައް މަސްވެރިންނަށް ނުދެވި 90 ވަރަކަށް ދުވަސް ހޭދަވެފައިވާ ކަމަށެވެ. އަދި މިހާ ނިކަމެތިކޮށް މަސްވެރިންނާއި މެދު ކަންކަން ކުރި ސަރުކާރެއް ރާއްޖޭގައި ދެކެފައި ނުވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ޢީދުގެ ކުރިން މަސްވެރިންނަށް ދޭން ހުރި ފައިސާ ދޭނެ ސަރުކާރުން މީގެ ކުރިން ބުނަމުން އައި ނަމަވެސް ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީފައި ނުވާތީ އެކަމާއި މެދު ނާޒިލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނާޒިލް ވިދާޅުވީ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި މަސްވެރިންނަކީ ރާއްޖޭގެ އާބާދީގެ ވަރަށް މަދު ބައެއް ކަމަށާއި މަސްވެރިންނަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން ސަރުކާރުގެ ޢަމަލުތަކުން ސާފުކޮށް އެނގޭ ކަމަށެވެ. އެހެންނަމަވެސް އައްޑޫގެ މަސްވެރިންގެ އިހުތިޖާޖުގައި 150 އާއި ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވި ކަމަށް ނާޒިލް ވިދާޅުވިއެވެ.
ވަރަށް އަޑަށް ބާރު ލާފައި ވިދާޅުވި ފައިސާ ދޭނަމޭ 48 ގަޑީ އިރު ތެރޭގައި. އެއީ ވެރިކަމަށް އަންނަން ދެއްކި ވާހަކަ. މިހާ ދެރަކޮށް މަސްވެރިންނާއި މެދު ޢަމަލުކުރި ސަރުކާރެއް ނާދޭ. ސޯޝަލް މީޑިއާ އިން ވެސް މިހާރުގެ ވަޒީރުގެ ވާހަކަ އަޑު އިވޭނެ. އޭރު ދެއްކެވި ވާހަކަ. ވިދާޅުވި ކީއްކުރަންތޯ އޭ ބޭރުގެ މަސްވެރިންގެ ބޯޓުތައް ވައްދަނީ. އޭރު ވިދާޅުވީ 2-3 ހަފްތާގެ ފައިސާގެ ވާހަކަ. މިހާރު މި ދައްކަނީ 3 މަސް ދުވަހުގެ ވާހަކަ. ބޮޑު ތަނުން ތަފާތު. ވެރިކަމަށް އައީ ހުސް ދަބަހާއި އެކު ވެސް ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެ. ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ އެ ނޫން ވާހަކަ އެއް ނުދެއްކޭ.މެމްބަރު އިބްރާހިމް ނާޒިލް
ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދައްކާނެ ކަމަށް ވައުދު ވެގެންނެވެ. އައްޑޫގެ މަސްވެރިންގެ ޑިމާންޑަކީ މަސް ކިރާތާ 15 ދުވަހުގެ ތެރޭގައި މަހަށް ވާ ފައިސާ މަސްވެރިންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދިނުމެވެ. އައްޑޫގެ މަސްވެރިން ވަނީ މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އާއި ބައްދަލުކުރުމަށް ވެސް ޑިމާންޑުކޮށްފައެވެ.