ކ. މާލެ
|
21 ޖޫން 2024 | ހުކުރު 19:24
އައްޑޫ މަސްވެރިން މުޒާހަރާގައި
އައްޑޫ މަސްވެރިން މުޒާހަރާގައި
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
މަސްވެރިން ކިރުވި މަހަށް ފައިސާ ނުލިބިގެން އައްޑޫގައި މުޒާހަރާކުރަނީ
މިހާތަނަށް އައި އިރު މަސްވެރިންނަށް ފައިސާ ލިބިފައިވަނީ މުޒާހަރާކޮށްގެން
މަސްވެރިން ބުނަމުންދަނީ އާއިލާތައް ބިކަވެއްޖެ ކަމަށާއި، ބިލްތަކަށް ފައިސާ ނުދެއްކި ދަރައިފި ކަމަށް
48 ގަޑީއިރުވީއިރުވެސް ކިރި މަހަށް ފައިސާ ނުލިބޭކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުން

އައްޑޫގައި ހުންނަ މިފްކޯގެ ފެސިލިޓީއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން މަސްވެރިން މުޒާހަރާކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަމުން އަންނަނީ މަސްވެރިން ބޭނި މަސް ކިރިތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މިފްކޯއިން ފައިސާ ދީފައި ނުވާތީއެވެ. އަދި މިފްކޯއިން ފައިސާ ނުދޭތީ އިތުރަށް ދަރަނިވެރިވެގެން މަހައް ދެވެން ނެތްކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނެފައިވަނީ މި ސަރުކާރު ވެރިކަމަށް އަންނަންވި ވައުދުތަކުގެ ތެރޭގައި މަސްވެރިން ބާނާ މަހަށް 48 ގަޑީއިރު ތެރޭގައި ފައިސާ ލިބޭނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، މިހާތަނަށްވެސް މަސްވެރިންނަށް ފައިސާ ލިބިފައިވަނީ ކޮންމެވެން ހިސާބަކުން މުޒާހަރާކޮށްގެން ކަމަށެވެ.

މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މަސްދޯނިތަކުން ކިރާ މަހަށް ލިބެން ޖެހޭ ފައިސާތަކުގެ އަދަދަށް ބަލާއިރު ކޮންމެ ދޯންޏަކަށް މިލިއަނުން ފައިސާދޭން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދޯންޏަކަށް ވެސް ދެމުންދަނީ ލައްކައެއްހާ ރުފިޔާ ކަމަށާއި، އެ ފައިސާ ފަޅުވެރިންނަށް ބަހާލުމުން، ގޭގެ ކޮއްތުބިލު ދެއްކުމަށްފަހު ދެން ބާކީ އެހެންކަމަކަށް ކުރާނެ ހަރަދެއް ނޯންނަ ކަމަށެވެ.

މަސްވެރިންގެ ތެރޭގައި ހިމެނޭ އައްޑޫގެ ޒުވާން މަސްވެރިން ވެސް ބުނަމުންދަނީ ސަރުކާރުން ވައުދު ނުފުއްދާ ކަމަށާއި، މިއަދު ތިބެންޖެހިފައިވަނީ ބިލްތައް ނުދެއްކި ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އަންނަން ވި ވައުދުތަކުގެ ތެރޭގައި މަސްވެރިން ކިރާ މަހަށް 48 ގަޑީއިރުތެރޭގައި ފައިސާ ދިނުމާއި، ތެލާއި ފެނާއި އައިސް ފަސޭހައިން ލިބޭނެކަމުގެ ވައުުދު ހިމެނެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާކޮށްފައިވާއިރު، ހުވަދޫ މަސްވެރިންގެ އިތުރުން ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ވަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް