Advertisement
ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 19:36
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން، ހިނގާލުމެއްގައި ބައިވެރިވަނީ
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން، ހިނގާލުމެއްގައި ބައިވެރިވަނީ
ކުށްކުރުން އިތުރުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅު
ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި
ހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްއިރު، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ
ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަވުން

މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވައިފައިވާ ވާހަކަތައް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން އެހެން ބުނީ އެ ޕާޓީން ނެރުނު ބަޔާނެއްގައެވe. އެ ޕާޓީން ބުނީ ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތް ކަމަށެވެ. އެހެންކަމުން ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި އެކަން ކުރި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެވެ.

އެމްޑީޕީގެ ސަރުކާރުގައި، ޙުކުން ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި ޢަމަލުކޮށްފައިވާނީ އެކަމަށް ޙާއްސަ ޤާނޫނު ކަމުގައިވާ، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަޙްލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ދެންނެވުނު ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަންކޮށްފައިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެ މީހުން މިނިވަންކޮށްފައިވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މަޢާފުކުރެވުނު ޙުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައެވެ.

Advertisement

ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ޙުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ޤާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ހަމައެހެންމެ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ އެ ޕާޓީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެ ކުށްވެރިން ދޫކޮށްފައިވަނީ، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްއިރު، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ޤާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ޤާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް