ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 08:19
އިންޑިއާގެ ކޯޗަކަށް ހުރި ސްޓިމަކް
އިންޑިއާގެ ކޯޗަކަށް ހުރި ސްޓިމަކް
ޓްވިޓަރ
އިންޑިއާ ޤައުމީ ފުޓުބޯޅަ ޓީމު
އިންޑިއާގެ ކޯޗުކަމުން ސްޓިމަކް ވަކިކޮށްފި
ސްޓިމަކްގެ އިރުޝާދުގެ ދަށުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ ހަތަރު ތައްޓެއް ކާމިޔާބު ކޮށްފައި.

އިންޑިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމުން އީގޯ ސްޓިމަކް ވަކި ކޮށްފި އެވެ.

އުމުރުން 59 އަހަރުގެ ސްޓިމަކް އިންޑިއާ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަޤާމަށް ހަވާލުވީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އިންޑިއާ އާއެެކު އެންމެ ފަހުން ސްޓިމަކް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ ސްޓިމަކް ކޯޗުކަމުގެ މަޤާމުން ވަކި ކުރަން ނިންމައިފަ އެވެ. އެއީ އެންމެ ފަހުން ކުޅުނު ފީފާ ވޯލްޑް ކަޕް އަދި އޭޝިއަަން ކަޕްގެ ކޮލިފިކޭޝަންގައި އިންޑިއާ އަށް ލިބުނު ނަތީޖާތަކުގެ ސަބަބުންނެވެ.

ސްޓިމަކްގެ އިރުޝާދުގެ ދަށުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސަރަހައްދީ ފުޓުބޯޅަ މުބާާރާތް (ސާފް ޗެމްޕިއަންޝިޕް)ގެ އިތުރުން، އިންޑިއާ އިން އިސްނަގައިގެން ބޭއްވި އިންޓަ ކޮންޓިނެންޓަލް ކަޕް އަދި ޓްރައި ނޭޝަން ސީރީސް އެވެ.

މީގެ ތެރެއިން ސަރަހައްދީ ފުޓުބޯޅަ މުބާރާތް ވަނީ ދެ ފަހަރެއްގެ މަތީން ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސަރަހައްދީ ފުޓުބޯޅަ މުބާރާތާއި، އެންމެ ފަހުން އިންޑިއާގައި ބޭއްވި ސަރަހައްދީ ފުޓުބޯޅަ މުބާރާތެވެ.

ކްރޮއޭޝިއާ އަށް ނިސްބަތްވާ ސްޓިމަކް ވަނީ އިންޑިއާގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. 2005 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ސްޓިމަކް ވަނީ، 2012 ވަނަ އަހަރުން، 2013 ވަނަ އަހަރަށް ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ.

- ކޮމެންޓް