ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 16:07
އިންޑިޔާ އާއި ސީރިއާ އޭޝިއަން ކަޕުގައި ކުޅުނު މެޗުގެ ތެރެއިން އިންޑިޔާ ކުޅުންތެރިއަކު ވެއްޓިގެންފައި ބޯޅަ ފޮނުވާލަނީ
އިންޑިޔާ އާއި ސީރިއާ އޭޝިއަން ކަޕުގައި ކުޅުނު މެޗުގެ ތެރެއިން އިންޑިޔާ ކުޅުންތެރިއަކު ވެއްޓިގެންފައި ބޯޅަ ފޮނުވާލަނީ
އޭއެފްސީ
އޭޝިއަން ކަޕް
އިންޑިޔާ ކެޓީ ކުޅުންތެރިންގެ ފެންވަރު ނެތުމުން: ކޯޗު
ކުޅުނު ތިން މެޗުން ވެސް އިންޑިޔާ ވަނީ ބަލިވެފައި

އޭޝިއަން ކަޕުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ އިންޑިޔާ ފަސޭހަކަމާއެކު މުބާރާތުން ކެޓީ ފެންވަރު ނެތުމުން ކަމަށް ކޯޗު އިއަގޯ ސްޓިމަކް ބުނެފި އެވެ.

ކްރޮއޭޝިޔާގެ ކޯޗު މިހެން ބުނީ ވަރަށް ދުރާލައި މުބާރާތައް ތައްޔާރުވި އިންޑިޔާ ޓީމަށް މުބާރާތުގައި އެކަށީގެންވާވަރާ ގާތަށް ވެސް ނުކުޅެވިފައިވަނިކޮށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިޔާ ބަލިވީ އޮސްޓްރޭލިޔާ އަތުން 2-0އިންނެވެ. ދެ ވަނަ މެޗުގައި އުޒުބަކިސްތާން އަތުން ބަލިވީ 3-0އިންނެވެ. އަދި ފަހު މެޗުގައި އިއްޔެ ސީރިއާ އަތުން ބަލިވީ 1-0އިންނެވެ.

ކޯޗު ސްޓިމަކް ބުނީ އިއްޔެގެ މެޗުގައި ފެނުނު އެންމެ ބޮޑު ތަފާތަކީ ބެންޗުން ކުޅެން އެރި ކުޅުންތެރިންގެ ކިބާގައި ފެންވަރު ނެތުން ކަމަށެވެ.

އުދަނަތާ ސިންގް ފިޔަވައި އަހަރުމެންގެ ބަދަލު އެއްވެސް ކުޅުންތެރިއަކީ އެކަށީގެންވާ ވަރަށް ނުކުޅެވުނު. މެޗު އެނބުރިގެންދިޔަ ސަބަބަކީ ބަދަލު ކުޅުންތެރިންނަށް ނުކުޅެވުން. އިދިކޮޅު ޓީމަށް ބަލާއިރު އެ މީހުންގެ ބަދަލަށް އެރުވި ކުޅުންތެރިން މޮޅަށް ކުޅުނު. މެޗު ގެއްލުނީ ފަހު 30 މިނިޓް ގޯސްވުމުން
ކޯޗު ބުންޏެވެ.

ފާއިތުވެދިޔަ ތިނަ އަހަރު އިންޑިޔާގައި ހޭދަކޮށް ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ހޯދި ކޯޗު ބުނީ އިންޑިޔާގެ ކުޅުންތެރިންނަށް މުބާރާތުގައި ކުޅުނު ތިން މެޗުގައި ވެސް ރަނގަޅަށް މަސައްކަތް ކުރެވުނީ މެޗުގެ 60 މިނިޓް ވަންދެން ކަމަށެވެ. އަދި ފަހު 30 މިނިޓް ފެނުނީ ޖޯރުނެތިގެން އުޅުނު މަންޒަރު ކަމަށާއި އެކަމުގެ ސަބަބަކީ ކޮބާކަން ބުނަން އޭނާ އަށް ނޭނގޭ ކަމަށެވެ.

އޭނާ ވަނީ އިންޑިޔާގެ ފުޓްބޯޅަ އޭޝިޔާގެ މަތީފަންތީގައި ވާދަކުރަން ބޭނުންވާނަމަ އެހެން ގައުމުތަކުގައި ތިބި އިންޑިޔާ ދަރިކޮޅުގެ ކުޅުންތެރިން ގެނެސް ވަރުގަދަ ޓީމެއް ބިނާކުރުމަށް ވެސް ގޮވާލައިފަ އެވެ. ކޯޗު ބުނީ އެ ގައުމެއްގެ ދަރިކޮޅުގެ ކުޅުންތެރިން ގެނެސްގެން ކުޅުވަން ދެކޮޅު ހަދާނެ އެއްވެސް ގައުމެއް ދުނިޔޭގައި އޮންނާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

އޭޝިއަން ކަޕުން އިންޑިޔާ ފަސޭހަކަމާއެކު ކަޓަން ޖެހުނުއިރު މިކަމާ ބެހޭ ގޮތުން އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

- ކޮމެންޓް