ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 14:10
ބަންޑާރަނައިބު މުހައްމަދު އަނިލް
ބަންޑާރަނައިބު މުހައްމަދު އަނިލް
މިހާރު
އަނިލްގެ އިތުބާރު
އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ހުށަހަޅައިފި
މިދިޔަ މަހު ވެސް އަނިލްގެ އިތުބާރުގެ މައްސަލަ ހުށަހެޅި
އެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފަ
އެ ފަހަރު ހުށަހެޅީ 24 މެންބަރުންގެ ސޮޔާއެކު

ބަންޑާރަނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

 ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހު ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ ބަންޑާރަނައިބުގެ މަގާމުގައި އަނިލް ހުންނަވައިގެން ބާރުތައް ވަކިވެފައިވާ ނިޒާމް ގަނޑުބަނޑުކޮށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަމުންގެންދަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރަށް ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމާއި، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމާއި، އެ މަގާމްތަކަށް ފަރާވެރިވުމާއި ޖަވާބުދާރީކުރުވުމާއި، މަގާމްތަކުން މީހުން ވަކިކުރުން ހިމެނޭއިރު މިކަންކަން މެންބަރުންނަށް މިނިވަންކަމާއެކު ކުރުމުގެ އިޚްތިޔާރު ގެއްލޭނެ ގޮތަށް ސިޔާސީ ޕާޓީގެ ނުފޫޒްގެ ދަށަށް ގެންދިއުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެމީހަކު އިންތިޚާބުވެފައިވާ މަގާމުގއި ދެމި ހުންނާނެ ކަމަށް ބުނެފައިވާއިރު، އެ މާއްދާއަށް ބެލުމެއްނެތި ސުޕްރީމް ކޯޓުގައި ވަކާލާތުކޮށް ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑާލާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މީގެ ކުރިން ޖުލައި މަހުގެ 20 ވަނަ ދުވަހު ވެސް އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް، މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށްލާފައިވަނީ ޖުލައި 25 ވަނަ ދުވަހު އެވެ. 

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސާލާގައި އަނިލްއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެގެން ގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް